ސިނގިރޭޓުގެ އުފެއްދުންތައް އިސްތިހާރު ކުރުން މަނާކުރި ފަދައިން، ތައްޔާރީ ލުއި ބުއިންތައް އިސްތިހާރު ކުރުން ސިންގަޕޫރުން މަނާކޮށްފިއެވެ.

ލުއި ބުއިންތައް އިސްތިހާރު ކުރުން މަނާކޮށްފައި މިވަނީ، ހަކުރު ބަލި ޖެހެމުންދާ މީހުންނާ އާދަޔާ ހިލާފަށް ފަލަވަމުންދާ މީހުންގެ އަދަދު މަދުކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

ބްރޯޑްކާސްޓްއާއި ޕްރިންޓް އަދި އޮންލައިން މީޑިއާގައި ލުއިބުއިންތައް އިސްތިހާރު ކުރުން މަނާކޮށްފައިވާއިރު، މިފަދަ ލުއިބުއިންތައް ބާޒާރުގައި ވިއްކަން ބެހެއްޓޭނީ އޭގެ ނިއުޓްރިޝަން ލޭބަލް ކަލާކޯޑާ އެއްގޮތަށް، ޕްރޮޑަކްޓްގެ ކުރިމައްޗަށްވާ ގޮތަށް ސާފުކޮށް ބޭރަށް އެނގެން ހުންނާނެ ހެން ޕްރިންޓުކޮށްފައި ކަމަށްވެސް ސިންގަޕޫރުން ވަނީ ކަނޑައަޅާފައެވެ.

އަލަށް ގެނައި ބަދަލުގެ ދަށަށް ފެތޭ އުފެއްދުންތަކުގެ ތެރޭގައި ސޮފްޓް ޑްރިންކްސްއާއި ޔޯގަޓް ސްމޫތީ ބުއިންތަކާ، އިންސްޓަންޓް ކޮފީއާއި އެކި ކަހަލަ ތައްޔާރީ ޖޫސްތަކުގެ އިތުރުން ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކަށްވުރެ އިތުރަށް ހަކުރު ބޭނުންކޮށްފައި ހުންނަ ހުރިހާ ބުއިމެއް ހިމެނެއެވެ.

ސިންގަޕޫރަކީ މިފަދަ ގަވައިދެއް ތަންފީޒުކުރަން ފެށި ފުރަތަމަ ގައުމެވެ.