އުމުރުން 40ގެ އަހަރުތައް ގުނަން ފެށުމާއެކު އެމީހެއްގެ ހިނގުމުގެ ދުވެއްޔަށް އަންނަ ބަދަލުތަކަކީ އެމީހެއްގެ ސިނކުޑިއާއި ހަށިގަނޑު މުސްކުޅިވަމުން އަންނަ ރޭޓު އަންގައިދޭ ކަމެއް ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި 40 އަހަރުތަކަށް ގުނަން ފަށާފައިވާ މީހުންގެ ތެރެއިން މަޑުން ހިނގޭ މީހުންނަކީ އަވަހަށް މުސްކުޅިވާ މީހުންނެވެ. މީގެ އިތުރުން އެމީހުންނަކީ މޫނުމަތިންވެސް މުސްކުޅި ކަމަށް ދައްކާ ބައެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ކުރި މި ދިރާސާއާއި ބެހޭ ގޮތުން ސައިންސްވެރިން ބުނީ، ދިރާސާގެ ނަތީޖާތަކަކީ ހައިރާން ކުރުވަނިވި ނަތީޖާތަކެއް ކަމަށެވެ.

އުމުރުން ދުވަސްވާ ވަރަކަށް ހިނގުމުގެ ދުވެލި މަޑުޖެހެމުންދިއުމަކީ ޑިމެންޝިއާ ފަދަ ބަލިތަކުގެ ނުރައްކާ އެމީހަކަށް އޮތްކަމުގެ ސިގްނަލެއް ކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ.

ކިންގްސް ކޮލެޖް ލަންޑަންއާއި އެމެރިކާގެ ޑިއުކް ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާގެ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި މުސައްނިފު ކަމަށްވާ ޕްރޮފެސާ ޓޭރީ އީ މޯފިޓް ބުނީ، މަޑު ދުވެލީގައި ހިނގޭ ހިނގުމަކީ، މުސްކުޅި ވުމުގެ ކުރިން، އަވަހަށް މުސްކުޅި ވެދާނެ ކަމުގެ އިންޒާރުދޭ ސިގްނަލެއް ކަމަށެވެ.

އެމެރިކަން މެޑިކަލް އެސޯސިއޭޝަނުން ހިންގާ ޖާމާ ނެޓްވާކް އޯޕަލް ޖާނަލްގައި އާންމުކޮށްފައި ދިރާސާ ބުނާ ގޮތުގައި، މިކަމަކީ ޅަ އުމުރެއްގައި ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުމުގެ ނަސީބު ލިބިފައި އޮތުމާއި ގުޅިފައިވާ ކަމެއް ކަމުގައި ވެދާނެ ކަމަށެވެ. އެހެންކަމުން، އުމުރުން ދުވަސްވުމުގެ ކުރިން މިފަދަ ތަހުލީލުތަކާ ޓެސްޓުތައް ހެދުން ބުއްދުވެރިކަމަށްވެސް ދިރާސާގައި ވަނީ ލަފާދީފައެވެ.