ބޮޑެތި ބާރުތައް ލިބިދޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު އިއްޔެ ރައީސް ތަސްދީގު ކުރެއްވުމާއެކު އަމަލު ކުރަން ފެށުނީއެވެ. ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހު ތަކުގައި ބޮޑެތި ބާރުތައް ފުލުހުންނަށް ލިބިދެއެވެ. އެގޮތުން މީހަކު ނުވަތަ ބަޔަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ކަމަށް ތުހުމަތު ކުރެވެންޏާވެސް އެ މީހަކު ނުވަތަ ބަޔަކު ހިފާ ހައްޔަރު ކުރެވޭނެއެވެ. ކޯޓު އަމުރެއް ބޭނުމެއް ނުވެއެވެ.

ގާނޫނާއި ގަވާއިދުތަކަކީ އެވަގުތަކު އެ މާހައުލަކަށް ފެތޭގޮތަށް 'ފަހާ ލިބާހެއް' އެވެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހު ތަކަކީވެސް މިވަގުތު ރާއްޖެ އޮތް ހާލަތާއި، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރުން ރާއްޖެއަށްވެސް ބޭނުންވާ އިސްލާހުތަކެއް ކަމަށް ގަބޫލު ކުރެވެއެވެ.

ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުތައް:

ޓެރަރިޒަމް މާނަކުރުން ފުޅާކުރުން: ޓެރަރިޒަމަކީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ފިކުރެއް ކުރިއެރުވުމަށްޓަކައި، އަދި ދައުލަތުން ނުވަތަ ސަރުކާރުން ވަކި ކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ހިންގޭ އަމަލު.

ޓެރަރިޒަމްގެ އަމަލުތައް ތަފްސީލް ކުރުން: މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން، މުދަލަށް ބޮޑެތި ގެއްލުން ދިނުން، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން، އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުން، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން.

  • މަދުވެގެން ކޮންމެ 12 މަހަކުން އެއް ފަހަރު ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް މުރާޖައާ ކުރުން.
  • ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން ނޫނީ، ހަނގުރާމައަށް ދިއުން، ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން އެއީ ކުށެއް. އަދި އެކަމުގައި ބައިވެރިވުމާއި އެފަދަ ކުށެއް ކުރުމަށް މަސައްކަތް ކުރުމަކީ ވެސް ކުށެއް.
  • ހަނގުރާމައަށް މީހަކު ފޮނުވުން، އެކަމަށް މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީވެސް ކުށެއް.
  • ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކޮށް ކުރެވޭ އެންމެހާ ކަންކަމަކީ ވެސް ކުށެއް.
  • ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ދުރާލާ ލިބި އެކަން ދައުލަތުގެ އިދާރާތަކާ ހިއްސާނުކޮށް ގަސްތުގައި ފޮރުވުމަކީ ވެސް ކުށެއް.
  • ހަނގުރާމަ ވެރި ސަރަހައްދަކުން އެނބުރި އަންނަ ދިވެހިންގެ ކަންކަން ރިވިއުކުރުމަށް ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކައުންޓާ ޓެރަރިޒަމް ރިސްކް އެސެސްމަންޓް ކޮމިޓީއެއް އުފެއްދުން.
  • ހަނގުރާމައިން އަންނަ މީހުން ޑީ-ރެޑިކަލައިޒް ކުރުމަށް ހާއްސަ ސެންޓަރެއް ގާއިމް ކުރުން.

ޓެރަރިޒަމްގެ ގާނޫނަށް ފުލުހުން ތައްޔާރުތަ؟

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނު ވުޖޫދު ވީއްސުރެ ފުލުހުން ގެންދަނީ ބޭނުންވާ ތަމްރީނާ ހުނަރު ހޯދަމުން ކަމަށެވެ. އަދި އެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އިތުރަށް ހޯދަން ޖެހޭ ތަމްރީނާ ހުނަރުވެސް ހޯއްދަވަމުން ގެންދަވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވެއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

ފުލުހުންނަކީ މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރު ކުރަން ޖެހޭ ބަޔަކަށް ވާއިރު، ޓެރަރިޒަމް ގާނޫނު ފަދަ ނާޒުކު ގާނޫނެއް ތަންފީޒު ކުރަން ކަމާ ގުޅޭ ހުނަރުތަކާއި، ތަމްރީނާއި ތަޖުރިބާއާއި އަދި އަމުދުން ކަމާ ގުޅޭ 'ހަތިޔާރު' ނެތި ހާލަތާ ކުރިމަތި ލުމުން ނުކުމެދާނެ ނަތީޖާތަކާމެދު ފުންކޮށް ވިސްނާލަން ޖެހެއެވެ. އަދި ފުލުހުން ހާލަތަކާ ކުރިމަތިލާން ނިންމަނީ، ނުވަތަ ހާލަތަކީ ޓެރަރިޒަމްގެ ހާލަތެއް ކަމަށް ނިންމާނީ ކޮން މިންގަނޑަކުން ބަލާފައިތޯވެސް ސުވާލުކޮށްލަން ޖެހެއެވެ. އެއީ މީހަކު ދޭ މައުލޫމާތަކަށް ނުވަތަ ފުލުހުންގެ 'އިދާރީ ކަމެއްގެ' މައްޗަށް ނިންމާ ނިންމުމަކަށް ވުރެ، އިންޓަލިޖެންސް މައުލޫމާތާއި، ކަށަވަރު ކުރެވެން ހުންނަ އެހެނިހެން 'ސޯސް' ތަކުން ކަށަވަރު ކުރަން ޖެހޭނެ ކަންކަން ކަމުގައި ވާތީއެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ހުރި ހާލަތްތަކާއި ބައެއް މައްސަލަތައް ބިނާ ކޮށްފައި ހުރި އަސްލަށް ބަލާއިރު މިކަންކަމަކީ ވިސްނާލަން ޖެހޭނެ ކަންކަމެވެ.

ޓެރަރިޒަމަށް ޝައްކު ކުރެވިގެން މީހަކު ނުވަތަ ބަޔަކު ހައްޔަރު ކުރަން ދާއިރު، އެ ހާލަތުގެ ކުޑަބޮޑުމިން އަމުދުން ނޭނގޭކަމަށް ވާނަމަ، ހާލަތާ އެކަށީގެންވާ ގޮތަށް މުލާގާތެއް ކުރެވޭނީ ބޭނުންވާ ހަތިޔާރުވެސް ހުރެގެންނެވެ.

ހާލަތެއް ނުވަތަ 'ސީން' އެއްގައި ފުލުހުން އަމަލު ކުރާ ގޮތުން، ބޮޑެތި ފާޑު ކިޔުންތައް މިހާރުވެސް އަމާޒު ވަމުން ދާއިރު ޓެރަރިޒަމްގެ ގާނޫނަކީ އެލިސްޓަށް އިތުރުވާނެ ބޮޅަކަށް ވިޔަ ނުދިނުމަށްޓަކައި ރޭވުންތެރިކަމާއެކު އަމަލު ކުރަން ޖެހެއެވެ.

ފުލުހުންގެ ގާބިލުކަން އިތުރުކޮށް 'އިމޯޝަނަލް ނުވެ ފޮރޮފެޝަނަލިޒަމް" ހިފަހައްޓަން ޖެހެއެވެ. މީހަކު ނުވަތަ ބަޔަކު މުއާމަލާތު ކުރާ ގޮތަކުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި (ޕަވާ އެބިއުސް) ކޮށްގެން ނުވާނެއެވެ.