ދަތިކަމެއް ނެތި ވިޔަފާރިވެރިންނަށް މިހާރު ފިޔާ އެތެރެކުރެވޭނެ ކަމަށާއި ރާއްޖެއަށް ފިޔާ އެތެރެކުރަނީ އިންޑިއާގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާއިން ދިވެހިރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދިޔަ މައްސަލަތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ދަތިކަމެއް ނެތި ވިޔަފާރިވެރިންނަށް މިހާރު ފިޔާ އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ރެއާ ހަމައަށް އައި އިރު މާލޭގެ ބާޒާރުމަތީ ފިހާރަތަކުން ފިޔާ ބަސްތާއެއްގެ އަގު އުޅުނީ 900 ރުފިޔާއާއި 1000 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ފިޔާ ކިލޯއެއްގެ އަގު އުޅެނީ 45 ރުފިޔާއަށެވެ. ބާޒާރުމަތީގައި ތަރުކާރީ ވިއްކާ ވިޔަފާރިވެރިއަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިހާރު އެމީހުންނަށް އިންޑީއާއިން ފިޔާ ގެންނަން ނުލިބޭތީ ފިޔާގެ އަގު އުފުލިފައިވާ ކަމަށެވެ.

ބާޒާރު މަތީ ފިހާރައެއްގައި ފިޔާ ބަސްތާތތައް ޖަހާފައި / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ފިޔާ ލިބުމުގައި ދަތިތަކެއް މިއުޅެނީ މިއަހަރުގެ ޖޫން މަހުން ފެށިގެން އިންޑިއާއަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި އެ ގައުމުގެ ދަނޑުބިންތަކަށް ވަރަށް ބޮޑެތި ގެއްލުންތައްވެފައި ވާތީއެވެ. އިންޑިއާގެ މޫސުމާ ބެހޭ އިދާރައިން ބުނެފައިވަނީ މަހަރާސްޓްރައާއި ގުޖުރާތުގެ ފިޔާ ދަނޑުތައް ހުރި ސަރަހައްދަށް މެދުނުކެނޑި 10 ދުވަސް ވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވިއެވެ.

އިންޑިއާގެ ބާޒާރުގައި މިހާރު ފިޔާގެ އަގުތަށް ދަށަށް ގޮސް ޓޮމާޓޯގެ އަގުތައް މިހާރު ވަނީ އުފުލިފައެވެ.