މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީއެން އާއި ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކާއި އަދި ގޮތް ނޭނގޭ މަރުތަކާއި ގުޅޭ މީހުންނާ މެދު ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެމްޑީއެން އިން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އޮފް މޯލްޑިވްސް" ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ފާޅުގައި އެ ޖަމިއްޔާ އުވާލަން ގޮވާލައި، އެ ޖަމިއްޔާގެ ވެރިންނާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
މި ކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންއިން ނެރެފައިވާ ރިޕޯޓު އެމަނިކުފާނުވެސް ވިދާޅުވެފައިވާ ކަމަށާއި އެ ރިޕޯޓުގައި ނުރަނގަޅު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަޝީދު ވިދާޅުވީ އޭގެތެރެއިން އެއްކަމަކީ މާތްﷲ އާއި ކީރިތި ރަސޫލާއާ ބެހޭގޮތުން އެކަށީގެން ނުވާ ބަސްތަކެއް ގެނެވިފައިވުން ކަމަށެވެ. އަދި އެފަދަ ކަމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް ރޭ އިސްކަންދަރު ސްކޫލުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ އެމްޑީއެންގެ އެ ރިޕޯޓު ދިފާއު ކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އިނގިރޭސިބަހުން އެމްޑީއެންގެ ރިޕޯޓު ލިޔަން އުޅެނިކޮށް އެއޮތީ މިސްޓޭކެއް ހެދިފައި ކަމަށާއި އެމްޑީއެން ރިޕޯޓުގެ މަގުސަދަކީ އިސްލާމް ދީނާ މެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.
ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އެ ރިޕޯޓުގައި ބޭނުން ކޮށްފައި ހުރި ބައެއް ބަސްބަހާއި ރިޕޯޓުގައި ހާދިސާތައް ގެނެސްދީ، އެހާދިސާތަކާ މެދު ސުވާލު އުފައްދާފައި ލިޔެފައި އޮތީ އެންމެ ފެންވަރު ރަނގަޅު އިނގިރޭސި ބަހުން ކަމަށް ބަހުގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ.