ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަމަލުފުޅުތަކުން މި ސަރުކާރު ޕެރަލައިޒް ވެދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުން ބިލްތައް ޑްރާފްޓް ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި، ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލީހުން ފެށީ މަސައްކަތްތައް ހަލުވިކޮށް، ނިންމަން ހުރި ގާނޫނުތައް އަވަހަށް ނިންމުމަށް ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، އޭޖީއާއި ބައެއް ފަރާތްތަކުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. މިކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ މަޖިލީހުގެ ނަޒާހަތްތެރި ކަމާމެދު ސުވާލު އުފައްދަވާފައެވެ.

ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ އެއް ވަސީލަތް ކަމަށެވެ. ނަޒާހަތްތެރި މަޖިލީހަކުން އެފުރުސަތު ސަރުކާރަށް ފަހިކޮށްދޭނެ ކަމަށްވެސް ރިއްފަތު ވިދާޅުވިއެވެ.

މި ޓްވީޓަށް ރައްދު ދެއްވަމުން ޖަމީލު ވިދާޅުވީ، ގައުމުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް ނަޝީދާ ދެމެދު އޮތް ކޯޅުމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ހާރިޖީ ސިޔާސަތަށް ވަދެވަޑައިގަތުމުން އެހިސާބުން ދެ ސަރުކާރެއް އުފެދޭނެ ކަމަށެވެ. އެހެންކަމުން ރައީސް ނަޝީދުގެ އަމަލުތަކުން ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލު ގެއްލިގެން ދާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ. މިހެން ވެއްޖެ ނަމަ ރައީސަކީ ރަމްޒީ މަގާމަކަށް ވެދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"މަޖިލިސް ރައީސް ޚާރިޖީ ސިޔާސަތަށް ވަނުމުން 2 ސަރުކާރެއް އުފެދުނީ. މަޖިލިސް ރައީސްގެ އަމަލުތަކުން ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލް ގެއްލި، ރައީސަކީ ރަމްޒީ މަގާމަކަށް ވެދާނެ"
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

މި ކަމަށް ރައްދު ދެއްވަމުން ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ހަލީލް ވިދާޅުވީ، މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެ ފަރިކުރައްވަނީ ބަރުލަމާނީ ވެރިކަމަކަށް ކަމަށާއި ނަޝީދު އެ ފުރުއްވަނީ ބޮޑުވަޒީރުކަން ކަމަށެވެ. މަޖިލިސް ހިންގަވާތަން ފެންނަނީ ހުދުމުހްތާރުކޮށް ކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ، އެމްޑީޕީ އަަދި ޕީޕީއެމް މެންބަރުންގެ މެދުގައި ތަފާތުކުރުން ބޮޑު ވެއްޖެ ކަމަށެވެ. މީގެ އިތުރުން ހަލީލް ވިދާޅުވީ 'ލާދީނީ ޖަމާއަތް' ދިފާއުކުރުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރު ފަށިގެން ކުރިއަށް ދާއިރު، 48 ބިލެއްގެ މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ސަރުކާރުގެ ފަރާތުން ފޮނުވާނެ ކަމަށް އަންގާފައިވާ 30 ބިލަކާއި އެމްޑީޕީގެ ފަރާތުން ހުށަހަޅަން ބުނެފައިވާ 18 ބިލެކެވެ. އެގޮތުން މިއަދު އޭޖީ އޮފީހުން ވަނީ ގާނޫނުއަސާސީގެ އަށްވަނަ ބާބަށް އިސްލާހުތަކެއް ހުށަހަޅަން ފޮނުވާ ފައެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ރައީސް ނުވަތަ މޭޔަރާއި އޭނާގެ ނައިބު އިންތިހާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުމެވެ.