އިއްޔެ ހަވީރު ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ފައި ބުރިވި އިނގުރައިދޫ ޒުވާނާ އަބްދުﷲ ހަލީމް (ހައްލޭ) އޮޕަރޭޝަނަށް ފަހު އޮތީ އައިސީޔޫގައި ކަމަށް އެނާގެ އާއިލާއިން ބުނެފިއެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހަލީމްގެ ކޮއްކޮ ޝިހާބު ބުނީ އޭނާގެ ފައި ބުރިކޮށްލާފައިވާ ކަމަށާއި އެ އޮޕަރޭޝަން ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މިހާރު އޭނާ އޮތީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ވެސް އޭނާ ބުނެއެވެ. މިވަގުތު އޮޕަރޭޝާނަށް ފަހު އޭނާގެ ހާލު ސްޓޭބަލް ވަންދެން އައިސީޔޫގައި ފަރުވާދެމުން ދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށް ޝިހާބު ބުނެއެވެ. މި ކަމާ ގުޅޭ ގޮތުން އަދި އޭޑީކޭގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.
މީގެ ތިން ގަޑިއިރު ކުރިން އޭޑީކޭ ގައި ހަލީމްގެ އޮޕަރޭޝަން ކުރިއަށް ދިޔައިރު އޭނާއަށް "ބީ" ޕޮސިޓީވް ލޭ ބޭނުންވާތީ ލޭ ދެވެން ހުރި ފަރާތަތައް އާއިލާއަށް ގުޅުއްމަށް އެދި ސޯޝަލް މިޑިއާގައި ކޮށްފައިވާ ޕޯސްޓެއްވެސް ދަނީ ދައުރުވަމުންނެވެ. މި ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ހަލީމްގެ އާއިލާއިން ބުނީ މި ވަގުތު ލޭ ބޭނުން ނުވާ ކަމަށެވެ.
އިނގުރައިދޫ ރައްޔިތެއް "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ، ފުރަތަމަ އޭނާއަށް ފަރުވާ ދެމުން ދިޔައީ އިނގުރައިދޫ ސިއްހީ މަރުކަޒުން ކަމަށެވެ. އެއަށް ފަހު އޭނާ ބަދަލު ކުރީ އުނގޫފާރު ހޮސްޕިޓަލަށެވެ. އަދި އުނގޫފާރުން އޭނާ މާލެ ފޮނުވާލުމަށް އަތޮޅު ކައުންސިލުގެ ލޯންޗުން ފުރުވާލަން އުޅުނު ނަމަވެސް އިންޖީނަށް ދިމާވި މައްސަލައަކާ ހުރެ އެ ލޯންޗު ބ. ކަމަދޫއަށް ވަންނަން ޖެހުނީ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
ރ. ނެލު ނަމަކަށް ކިޔާ ފަޅުރަށެއްގެ ކައިރީގައި ފީނަން ގޮސް އުޅުނު އެ މީހާގެ ފައިގާ ޑިންގީގެ ބުރަފަތިން ޖެހި ފައި ބުރި ވެފައިވަނީ އިއްޔެ ހަވީރު 4:00 ހާއިރު އެވެ. އުމުރުން 27 އަހަރުގެ އެ ޒުވާނާގެ އެއްފައި ބުރިވެފައި ވާއިރު ބުރަފަތިން ޖެހި އެހެނިހެން ޒަހަމްތައްވެސް ލިބިފައި ހުއްޓެވެ.