ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު އެކަމަކާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ބޮލުން އިސްތަށިފައިބާ ތަލަވުމުގެ މައްސަލަ މެދުވެރިވާ ސަބަބު ދެނެގަނެފިއެވެ.

ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދިޔަ ޔޫރަޕިއަން އެކަޑަމީ އޮފް ޑާމަޓޮލޮޖީ އެންޑް ވީނޯރޮލޮގީ ކޮންގްރެސްގައި އާންމުކުރި ދިރާސާއެއް ބުނާ ގޮތުގައި، ބޯތަލަވަނީ ހަމައެކަނި ޖެނެޓިކްސް ސަބަބަކުން ނޫނެވެ. މި ދިރާސާ ބުނާ ގޮތުގައި ބޯތަލަވަނީ ވައި ތަޣައްޔަރުވެގެންނެވެ. މިކަން މެދުވެރިވަނީ ވައިގެ ތެރޭގައި ހިފެހެއްޓިފައިވާ ނުރައްކާތެރި މާއްދާތަކެއްގެ ސަބަބުންނެވެ.

ދިރާސާ ބުނާ ގޮތުގައި ވައިގެ ތެރޭގައި ހަރުލެވިފައިވާ މިމާއްދާތައް އިންސާނާގެ ހަށިގަނޑުގެ ތެރެއަށް ދަނީ، ނޭވާލާ ވައިގެ ޒަރިއްޔާއިންނެވެ.

ވައިގެ ތެރޭގައި މި ވިހަ މާއްދާތައް ހަރުލަނީ ޕެޓްރޯލާ ޑީސަލްގެ ފަދަ ބާވަތްތަކުގެ އިތުރުން ބިނާވެއްޓާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގައި ބޭނުންކުރާ، ސިމެންތިއާއި، މުށި އަދި ގަލުގެ ސަބަބުންނެވެ.

ކަންމިހެން އޮތްއިރު، ތިބާ ދިރިއުޅޭ ވެށީގައި ވައިގެ ތަޣައްޔަރުކަން ހުރި ނެތް މިންވަރެއް ގަވައިދުން މޮނިޓާ ކުރުން ބުއްދުވެރިކަމަށް ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން އިލްތިމާސްކުރެއެވެ. އަދި ފްރެންޗް ފްރައިސް ކެއުމަކީ ބޯތަލަވުން ދުރުކޮށްދޭ ކަމެއް ކަމަށް ބުނެ ބަޔަކު ދިރާސާއެއް އާންމުކޮށްފައި ވީ ނަމަވެސް އެއީ ތާކުން ތާކު ޖެހޭ ހައްލެއް ނުވަތަ އެދެވިގެންވާ ހައްލެއް ނޫންކަމަށް ކަމާ ބެހޭ ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.