ހުސްވި ހަފުތާގައި ރެކޯޑް މިންވަރަކަށް އަގުތައް އުފުލިގެން ދިއުމަށްފަހު، އިންޑިއާގެ ބާޒާރުތަކުގައި ފިޔާގެ އަގުތައް ދަށަށް ގޮސް، ޓޮމާޓޯގެ އަގު އުފުލިއްޖެއެވެ.

ފާއިތުވީ ދެ ހަފުތާއެއްހާ ދުވަހަށް ބަލާއިރު، އިންޑިއާގެ ބާޒާރުތަކުގައި ފިޔާގެ އަގުތައް އުފުލިގެންދިޔައީ އެ ގައުމުގެ އެކި ހިސާބުތަކަށް އާދަޔާ ހިލާފު ގަދައަށް ކުރި މޫސުމީ ވިއްސާރައިގެ ސަބަބުން ސަޕްލައިއަށް ބުރޫއަރައިގެންނެވެ. މިކަމުގެ ސަބަބުން އިންޑިއާއިން އެންމެ ފިޔައެއްގެ މިންވަރުވެސް އެކްސްޕޯޓް ނުކުރެވޭ ގޮތަށް ނެރުނު ވަގުތީ އަމުރާއެކު، އިންޑިއާގެ ބާޒާރުގައި ފިޔާ ތިޔާގިވެ، ފިޔާ ކިލޯއެއްގެ އަގު މިހާރުވަނީ ގާތްގަނޑަކަށް 60 ރުޕީޒްގައި ހިފަހައްޓާލެވިފައެވެ. ނަމަވެސް މިއީ އަހަރުގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ.

ކަންމިހެން އޮތް އޮތް ނަމަވެސް، އިންޑިއާގެ ބާޒާރުތަކުގައި ފިޔާގެ އަގުތައް މިހާރު ވަނީ ދަށަށް ދާން ފަށާފައެވެ. ސަޕްލައިކުރުމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ޓޮމާޓޯގެ އަގުތައް މިހާރު އުފުލެމުންދާކަމަށް ވިޔަފާރިންވެރިން ދަނީ ބުނަމުންނެވެ. އިންޑިއާގެ ބައެއް ހިސާބުތަކުގައި ޓޮމާޓޯ ކިލޯއެއްގެ އަގު 80 ރުޕީޒްއަށް ބޮޑުވެފައިވާއިރު، މިމަސް ފެށުނުއިރު ޓޮމާޓޯ ކިލޯއެއްގެ އަގު އުޅުނީ ގާތްގަނޑަށް 45 ރުޕީޒްގައެވެ.

އިންޑިއާގެ ބާޒާރުގައި ފިޔާގެ އަގުތަކަށް އައި ބަދަލާއެކު ރާއްޖޭގެ ބާޒާރުތަކަށްވެސް އެކަމުގެ އަސަރު ވަނީ ފޯރާފައެވެ.