ބާޒާރު މަތީގައި ފިޔާގެ އަގު އުފުލިއްޖެއެވެ.

އާންމުކޮށް ކެއުން ބުއިމަށް ބޭނުންކޮށް އުޅޭ ފިޔާ، ބަސްތާއެއް މިހާރު ބާޒާރު މަތިން ލިބެން ހުރީ 900 ރުފިޔާ އާއި 1000 ރުފިޔާގެ ދެމެދުގައެވެ.

ބާޒާރުމަތީގައި ތަރުކާރީ ވިއްކާ ވިޔަފާރިވެރިއަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ މިހާރު އެމީހުންނަށް އިންޑީއާއިން ފިޔާ ގެންނަން ނުލިބޭތީ ފިޔާގެ އަގު އުފުލިފައިވާ ކަމަށެވެ.

"ހަމަ އެއްގޮތަކަށް ވެސް އިންޑިއާއިން ގެންނަން ފިޔާ ނުލިބޭ. އެހެން ބާވަތުިގެ އެއްޗިސް ލިބުނަސް ފިޔާ ލިބުމުގެ ދަތިތަކެއް އެބަހުރި. އެކަމަކު ލަފާ ކުރެވެނީ ކުރިއަށް އޮތް ހަފްތާއެއް ފަހުން ފިޔާ ލިބޭނެ ކަމަށް"
ބާޒާރުމަތީ ފިހާރައެއް ހިންގާ ވިޔަފާރިވެރިއެއް

އޭނާ ބުނީ އިނޑިއާއިން ފިޔާ ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އަންނަ ހަފްތާތެރޭގައި ފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ފިޔާ ލިބެން ފެށުމުން އަގު ހެޔޮވެގެންދާނެ ކަމަށެވެ. ފިޔާ ކިލޯއެއް ވިއްކާ އަގަކީ 45 ރުފިޔާއަށް ކަމަށް އެ ވިޔަފާރިވެރިޔާ ބުންޏެވެ.

ބާޒާރު މަތީ ފިހާރައެއްގައި ފިޔާ ބަސްތާތައް ޖަހާފައި، 900 ރުފިޔާއަށް ބަސްތާއެއް / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

މިއަހަރުގެ ޖޫން މަހުން ފެށިގެން އިންޑިއާއަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި އެ ގައުމުގެ ދަނޑުބިންތަކަށް ވަރަށް ބޮޑެތި ގެއްލުންތައްވެފައި ވާކަމަށް އިންޑިއާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު "ރޮއިޓާޒް" ނޫހުގައި ބުނެފައިވަނީ އިންޑިއާއަށް މި ދުވަސްކޮޅު ކުރަމުންދާ ވިއްސާރައިގައި އިންޑީއާގެ ފިޔާ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެފަރާތުން ބުނެފައިވަނީ މިކަމުގެ ސަބަބުން ފިޔާގެ ސްޓީކްތައް ލިބުގައިވެސް ދަތިތަކެއް ހުންނާނެ ކަމަށެވެ.

ބާޒާރު މަތީ ފިހާރައެއްގައި ފިޔާ ކިލޯއެއް ވިއްކާ އަގު / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

އިންޑިއާގެ މޫސުމާ ބެހޭ އިދާރައިން ބުނީ، މަހަރާސްތްރައާއި ގުޖުރާތުގެ ފިޔާ ދަނޑުތައް ހުރި ސަރަހައްދަށް މެދުނުކެނޑި 10 ދުވަސް ވަންދެން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ކަމަށެވެ.

ފިޔާ އަކީ އިންޑިއާގެ ކާނާތަކުގައިވެސް އާންމުކޮށް ބޭނުންކުރާ ބާވަތަކަށް ވެފައި އަހަރަކު ތިން ފަހަރު ހައްދާ ފިޔާ ދަނޑުތަކަށް މިފަދަ ބޮޑު ގެއްލުމެއް ލިބުމުން ފިޔާ ލިބުމުގައި ދަތިތަަކާ ކުރިމަތިވާނެ ކަމަށް އިންޑިއާއިން ބުނެފައި ވެއެވެ.