ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ އިހްތިސޯސް އިން ބޭރުން އެ ކޯޓުން ކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ކޮމިޓީން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނު އަސާސީއާ ހިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" ގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އެ ކޮމިޝަނުން މިއަދު ނިންމި ކަމަށެވެ. ސުލޫކީ މައްސަލަ ބެލުމަށް އެ ކޮމިޝަނުން މިއަދު ނިންމި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.

މީގެ އިތުރުން ޖޭއެސްސީގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ) ގައި ވާ ފަދައިން، މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު މިއަދު ކޮމިޝަންގެ ބައްދަލުވުމަށް 38 މައްސަަލައެއް ތާވަލުކުރެވި، އެ ކޮމީޓީގެ ނިންމުމާއި އެއްގޮތަށް 3 މައްސަލައެއް މި ކޮމިޝަނުން ބަލައިގަނެ ތަހްގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ތަހުގީގު ކޮމިޓީން އެކުލަވާލާފައިވަނީ ޏ. ޖޫޑީޝަލް ދާއިރާގެ ދާއިރާ އިސްމެޖިސްޓްރޭޓް ހަދީޖާ ލީނާގެ ސުލޫކީ މައްސަލައަކާއި ސިވިލްކޯޓުގެ ގާޒީ ހަސަން ފަހީމް އިބްރާހީމްގެ 2 ސުލޫކީ މައްސަލައެކެވެ.