އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއި ރާއްޖެއާ ދެމެދު ވިޔަފާރިއާ އިގްތިސޯދީ ކަންކަން ކުރިއެރުވުމަށް 1.5 ބިލިޔަން ޑޮލަރުގެ ފައިނޭންސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިޓީއެފްސީ އާއި ރާއްޖެއާ ދެމެދު ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކުރުމަށް މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަސްމިއްޔާތުގައި އައިޓީއެފްސީއާ ރާއްޖެއާ ދެމެދު ސޮއިކުރި ފްރޭމްވޯކް އެގްރީމެންޓަކީ ޓްރޭޑް ފައިނޭންސިންގް އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓާ އޮފް ފިނޭންސް އިބްރާހީމް އަމީރާއި އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނި ސާލިމް ސަންބޯލެވެ.

2008 ގައި އުފެދުނު އައިޓީއެފްސީ އިން މާލީ އެހީފޯރުކޮށްދޭ މައިގަނޑު ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމަކީ ރާއްޖެއެވެ. އެގޮތުން އެސްޓީއޯއިން އެތެރެކުރާ ތެލުގެ 80 އިންސައްތައަކީ އައިޓީއެފްސީގެ މާލީ އެހީތެރިކަމާއެކު އެތެރެކުރެވޭ ތެލެވެ. އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ކުޑައިގެ ދަށުގައި ހިމެނޭ މާލީ އެހީ ފޯރުކޮށްދޭ ފަރާތެވެ.