މައިދައިތަ ރޭޕް ކުރަން އުޅުމާއި، ކުޑަކުދިންތަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވުނު، ލ. މާބައިދޫ ކަންއުންސިލަރެއް ކަމަށް ވާ އަބްދުﷲ ރަޝީދު ޖިންސީ ގޯނާ ކުރީ ފިރިހެން ކުދިންނަށް ކަން ހާމަ ވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރާއްޖޭގެ ދެކުނުގެ އަތޮޅެއްގައި ޒިންމާދާރު ވަޒީފާއެއްގައި ހުރި 52 އަހަރުގެ ފިރިހެނަކު 18 އަހަރުން ދަށުގެ ފިރިހެން ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް 2018 ވަނަ އަހަރު އަދި 2019 ވަނަ އަހަރުގެ އޭޕްރިލް މަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހހުގީގު ކުރަމުންދާ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި އޭނާގެ މައިދައިތައާ ގަދަ ކަމުން ޖިންސީ އަމަލު ހިންގަން އުޅުނުކަމަށް ބުނި މައްސަލައެއް ދިރާސާ ކުރަން ފަށާފައިވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވިއެވެ. މި މައްސަލަ އެ ކޮމިޓީއަށް ހުށަހަޅާފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންނެވެ.

އެލްޖީއޭއިން އެ ކޮމިޓީއަށް ދިރާސާ ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައި ވަނީ، ލ.މާބައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު އެ އެރަށުގެ އެތަށް އާއިލާއެއްގެ ކުޑަ ކުދިންނަށް ޖިންސީ ގޯނާއާއި ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށާއި އެފަދަ އަމަލުތަށް ހިންގަމުންދާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، އަބްދުﷲ ރަޝީދު އޭނާގެ މައިދައިތައާ ގަދަކަމުން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށް އެލްޖީއޭއިން ހުށަހެޅި ޝަކުވާގައި ބަޔާން ކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި އެ ކޮމިޓީއިން ވަނީ އެމައްސަލަ ދިރާސާ ކުރުމުގެ ކުރިން މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޖެންޑާ މިނިސްޓްރީއިން ސާފު ކުރަންޖެހޭ ކަންކަން ސާފުކޮށް ތިން ދުވަހުގެ ތެރޭގައި ޖަވާބު ފޮނުވައިދިނުމަށް އެދި ސިޓީ ފޮނުވުމަށް ނިންމާފައެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ބަރީއަ ކޮށްފައިވޭތޯ ބެލުމަށް އެލްޖީއޭއިން ސާފު ކުރުމަށް ވެސް ކޮމިޓީއިން ނިންމާފައިވެއެވެ.