ކައުންސިލަރެއްގެ މަގާމުގައި ހުރި މީހަކު އޭނާގެ މައިދައިތަ ރޭޕްކުރަން އުޅުމާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރަން އުޅުމުގެ މައްސަލަައެއް ބަލަން ފަށައިފިއެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ލ. މައިބައިދޫ ކަންއުންސިލަރެއް ކަމަށް ވާ އަބްދުﷲ ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި އޭނާގެ މައިދައިތައާ ގަދަ ކަމުން ޖިންސީ އަމަލު ހިންގަން އުޅުނުކަމަށް ބުނި މައްސަލައެއް ދިރާސާ ކުރަން ފަށާއިފި ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވިއެވެ. މި މައްސަލަ އެ ކޮމިޓީއަށް ހުށަހަޅާފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިންނެވެ.
ފުލުހުން ވެސް އެމައްސަލަ ތަހުގީގު ކުރަމުން ދާކަމަށް މުގައްރިރު ޖީހާން ވިދާޅުވިއެވެ.
އެލްޖީއޭއިން އެ ކޮމިޓީއަށް ދިރާސާ ކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ބަޔާންކޮށްފައި ވަނީ، ލ.މާބައިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ރަޝީދު އެ އެރަށުގެ އެތަށް އާއިލާއެއްގެ ކުޑަ ކުދިންނަށް ޖިންސީ ގޯނާއާއި ޖިންސީ ހާނިއްކަ ކޮށްފައިވާ ކަމަށާއި އެފަދަ އަމަލުތަށް ހިންގަމުންދާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، އަބްދުﷲ ރަޝީދު އޭނާގެ މައިދައިތައާ ގަދަކަމުން ޖިންސީ އަމަލު ހިންގަން އުޅުނު ކަމަށް އެލްޖީއޭއިން ހުށަހެޅި ޝަކުވާގައި ބަޔާން ކޮށްފައި ވެއެވެ.
މި ބައްދަލުވުމުގައި އެ ކޮމިޓީއިން ނިންމާފައިވަނީ އެމައްސަލަ ދިރާސާ ކުރުމުގެ ކުރިން މައްސަލައިގެ އިތުރު މައުލޫމާތު ހޯދުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޖެންޑާ މިނިސްޓްރީއިން ސާފު ކުރަންޖެހޭ ކަންކަން ސާފުކޮށް ތިން ދުވަހުގެ ތެރޭގައި ޖަވާބު ފޮނުވައިދިނުމަށް އެދި ސިޓީ ފޮނުވުމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ބަރީއަ ކޮށްފައިވޭތޯ ބެލުމަށް އެލްޖީއޭއިން ސާފު ކުރުމަށް ވެސް ކޮމިޓީއިން ވަނީ ނިންމާފައެވެ.