ޕާކިސްތާނާއި އިންޑިއާ އިންވެސް އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ކަޝްމީރު ވާދީގެ އިންޑިއާއާވީ ފަޅި، ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު، ފަތުރުވެރިންނަށް އެ ސަރަހައްދު އަލުން ހުޅުވާލަން ނިންމައިފިއެވެ.

ސަރަހައްދީ ގަވަރުނަރު ސަތްޔާ ޕާލް މާލިކު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން، ފަތުރުވެރިންނަށް ކަޝްމީރު ވާދީ ހުޅުވާލެވޭނެ ކަމަށެވެ.

ފަތުރުވެރިންނަށް ކަޝްމީރު ވާދީ ބަންދުކޮށް، އެ ސަރަހައްދުގައި ތިބި ފަތުރުވެރިން ވަގުތުން ވަގުތަށް އެސަރަހައްދު ދޫކޮށް ދިއުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަމުރުކުރީ އޯގަސްޓް މަހުގެ ކުރީކޮޅުއެވެ. އެއީ ކަޝްމީރު ވާދީއަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް ފަތުރުވެރިންނަށް ކަޝްމީރު ވާދީ ބަންދުކުރީ ޓެރަރިޒަމްގެ ނުރައްކަލެއް އޮތް ކަމަށް ބުނުމަށްފަހުގައެވެ.

ކަޝްމީރު ވާދީގެ އިންޑިއާއި ވީ ފަޅިއަކީ، އިންޑިއާއަށް ޒިޔާރަތްކުރާ ދިވެހިންގެ މެދުގައިވެސް މަގުބޫލު މަންޒިލެކެވެ.