މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެމްޑީއެންއިން 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް' ގެ ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށޫއަރާ އަދި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ތައުހީނުވާ ފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ މައްސަލަ ބަލައި ދިވެހި މުޖުތަމައުގައި ގާއިމު ވެފައި އޮތް ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެ މަނިކުފާނު އަޅަމުން ގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނުނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި އާއި އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ގަނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައިވީ ހިނދު މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިނގައި އެ ދީން ހިމާޔަތްކުރުމަކީ ދިވެހިރާއްޛޭގެ އެންމެ މަތީ އިސް ވެރިޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެމަނިިކުފާނުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ވާޖިބު އަދާކުރުން މަތީ ދެމިހުންނެވުން ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން، ދީނީ ޝިއާރު ފާޅުކުރުމުގައާއި، ގާނޫނުއަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖުތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމްދީނުގެ މަތިވެރި އަސާސްތަކާ ހިލާފުނުވުމަށް އެންމެހާ ފަރާތްތަކަށް ރައީސް އިލްތިމާސްކޮށްފައި ވެއެވެ.

މިއަދު މަޖިލީހަށްވެސް ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. މި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަަމުން މަޖިލީހުގެ މެންބަރުން ވަނީ އެމްޑީއެން ކުށްވެރިކޮށްފައެވެ.

އެ ރިޕޯޓަކީ 2015 ވަނަ އަހަރު ނެރެފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައި ކީރިތި ގުރުއާނުގެ ސަބަބުން ގެވެށި އަނިޔާއަށް މަގުފަހިވާ ކަމަށާއި އިސްލާމީ ހުދޫދަކީ އަނިޔާއެއްގެ ގޮތުގައި ވެސް ސިފަ ކޮށްފައި ވެއެވެ. އަދި އިސްރާ އާއި މިޢުރާޖަކީ ސައިންޓިފިކް ގޮތުން ސާބިތު ކުރެވޭ ކަމެއް ނޫން ކަމަށްވެސް އެ ރިޕޯޓުގައި ސުވާލު އުފައްދާފައި ވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި، އެ ޖަމްއިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި އެމްޑީއެންއަކީ މީގެކުރިންވެސް އެތައް ބައެއްގެ ފާޑު ކިއުންތައް އަމާޒުވެފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއަކީ ރާއްޖޭގައި އިސްލާމްދީން ނައްތާލަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށް ބުނެވެސް މީގެކުރިން ބައެއް ފަރާތްތަކުން ވަނީ އަޑު އުފުލާފައެވެ.