ގިނަ ގޭގޭގައި މިހާރު ބޭނުންކުރާ އޮޓޯމެޓިކް ދޮންނަ މެޝިނުތަކަކީ ހީކުރާ ވަރަށް ޖަރާސީމު ސާފުނުކޮށްދޭ އަދި އެ މެޝިންތަކުގައި ގިނަ އަދަދަކަށް ޖަރާސީމު އަށަގަންނަ މެޝިންތަކެއްކަން ހާމަވެއްޖެއެވެ.

ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގެ އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދެމުންދިޔަ ތުއްތުކދިން ލައްވާފައި ތިބި ހެދުންތަކުން ވަރުގަދަ ޖަރާސީމެއް ފެނުމުން އެ ވީ ގޮތެއް ބެލުމަށް ކުރި ދިރާސާއިން އެނގުނު ގޮތުގައި ހެދުންތަކުގައި މި ޖަރާސީމު އަށަގެންފައިވަނީ އެ ހެދުންތައް ދޮންނަން ބޭނުންކުރި މެޝިނުންނެވެ. އެ ހޮސްޕިޓަލުގައި ހެދުން ދޮވުމަށް ހުރީ ސިނާއީ މަސައްކަތަކަށް ހާއްސަކޮށްފައިވާ މެޝިނެއް ނޫނެވެ. ނަމަވެސް އާންމު ގޭގޭގައިވެސް ހުންނަ ކަހަލަ މެޝިނެވެ.

އާންމުކޮށް ގޭގޭގައި ބޭނުންކުރާ މެޝިންގައި ޖަރާސީމު އަށަގަންނަނީ އޭގައި ހުންނަ ރަބަރު ޕެކިންގްތަކުގެ ދޭތެރޭގައްޔާ، ޑިޓާޖަންޓް އަޅަން ހުންނަ ސަރަހައްދުގައެވެ. މީގެ އިތުރުން ކުނޑިއާއި މަޑު އެއްކުރުމަށް ހާއްސަކުރެވިފައިވާ ބާސްކެޓް ހިމެނޭ ސަރަހައްދުގައިވެސް ޖަރާސީމު އަށަގަނެއެވެ.

އެހެންކަމުން، ގަވައިދުން ދޮންނަ މެޝިނު ދޮވެ ސާފުކުރުން މުހިންމެވެ. މެޝިން ބަހައްޓާފައި ހުންނަނީ ހޫނު ނުވަތަ ތެތް ހޫނު އެކުލެވޭ ބަދިގެ ނުވަތަ ފާހާނާ ކަހަލަ ތަނެއްގައި ކަމަށް ވަނީ ނަމަވެސް، އަވަސް އަވަހަށް މެޝިން ދޮވެ ސާފުކުރަންވާނެއެވެ.