ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރު ކުރި ގައުމީ ކްރިކެޓް ކޯޗު އާސިފް ހާން ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، ޖީންސީ ގޯނާގެ ތުހުމަތުގައި އައްޔެ ހައްޔަރު ކުރި އާސިފް ހާންއަށް މުއްދަތު ޖަހަން މިއަދު ހެނދުނު ކޯޓަށް ހާޒިރު ކުރި އިރު އޭނާ ހައްޔަރު ކުރިތާ 24 ގަޑި އިރު ހަމަވެފައި ވާތީ އޭނާ ވަނީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ކަމަށެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާ، 30 ދުވަސް ވަންދެން ފުރުން މަނާކޮށްފައި ވާތީ އޭނާ އަދިވެސް ހުރީ ރާއްޖޭގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 46 އަހަރުގެ އާސިފަކީ ފާކިސްތާނަށް އުފަން، ސައުތް އެފްރިކާއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް ކަމަށާއި، މިކަން މިގޮތަށް ދިމާވި ސަބަބު ދެނެގަތުމަށް އިދާރީގޮތުން ބަލަމުންދާ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އިއްޔެ ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންގޮސް ހުއްޓާ ރާއްޖޭގެ ގައުމީ ކްރިކެޓް ޓިމްގެ ކޯޗު އާސިފް ހާން ހައްޔަރު ކޮށްފައިވަނީ އޭނާގެ މައްޗަށް އުމުރުން 18 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރުން މަތީ ބަޔަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައެވެ. އެއާޕޯޓުގައި ފުރަން ގޮސް ހުއްޓާ އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައާ ގުޅިގެން ގައުމީ އަންހެން އަދި ފިރިހެން ކްރިކެޓު ޓީމުގެ ކުޅުންތެރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗުކަމުން އާސިފް އިސްތިއުފާ ދިން އަސްލު ސަބަބު ކްރިކެޓު ބޯޑުން އާއްމުންނަށް ފޮރުވާފައިވާކަން ކުޅުންތެރިންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އޭނާ ޒުވާން ކްރިކެޓު ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ ކަމަށް ކުޅުންތެރިން ބުނެފައި ވެއެވެ.

ހަމައެއާ އެކު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނާއި އެކުދިންގެ އާއިލާތަކަށް ލިބުނު ގެއްލުން ފާހަގަކޮށް އެ ކުޅުންތެރިން ގޮވާލާފައި ވަނީ ކްރިކެޓު ބޯޑުގެ މެންބަރުން، ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުދިންނަށާއި، ކަމާ ބެހޭ ފަރާތްތަކުގެ ތަހުގީގަށް އެހީތެރިވެ އެއްބާރުލުން ދިނުމަށެވެ.

އާސިފް ހާން ސަސްޕެންޑް ކުރި އިރު ގައުމީ ކްރިކެޓް ޓީމްގެ ކޯޗެއްގެ ގޮތުގައި އޭނާ ހުންނަތާ 2 އަހަރު ވެއްޖެއެވެ.