ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަށް ދެނެގަތުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހިންގާ އެނިމަލް ޕެސްޓް އެންޑް ޑިޒީޒް ސާވޭލެންސް ޕްރޮގުރާމް ރ. އަތޮޅުގައި ފަށައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެ ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެ ތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމް މި އަހަރު ހިންގުމަށް ރާވާފައިވަނީ ރ އަތޮޅުގެ އުނގޫފާރު، ހުޅުދުއްފާރު، މާކުރަތު އަދި ދުވާފަރުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެ މިނިސްޓްރީން ބުނީ އެ ހަތަރު ރަށުގައިވެސް ބަކަރިއާއި ކޯލިދޫނީގެ ބާވަތްތައް ގެންގުޅުމުގެ އިތުރުން ވިއްސާ އާލާކުރުމަކީ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ކޯލިދޫންޏަށާއި ބަކަރިއަށް އާންމުކޮށް ޖެހޭ ބަލިތަކާއި، އެ ބަލިތައް ދެނެގަންނަށް ކިޔާދެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ފިޝަރީޒުން ބުނީ މި ޕްރޮގްރާމުގެ ތެރޭގައި އެ ތަކެތި ގެންގުޅޭ ތަންތަން ބަލައިފާސްކުރުމުގެ އިތުރުން އެތަންތަނުގައި ގެންގުޅޭ ބަކަރިން ލޭގެ ސާމްޕަލް ނެގުމަށްފަހު، ބަކަރިއަށް ޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތް ޑިޒީސް (އެފް.އެމް.ޑީ) އަށް ވަގުތުން ޓެސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޖަނަވާރުތައް ގެންގުޅޭ ތަންތަނުގެ ޙާލަތު ބަލައި ރަނގަޅުކުރަންވީ ކަންތައްތަކާ ބެހޭގޮތުން ލަފާދިނުމަށް ހަމަޖެހިފައިވާއިރު ޖަނަވާރުތަކުގެ ސިއްހީ ހާލަތު ބަލެމައް ފަހު ބަލި ޖަނަވާރުތަކަށް ފަރުވާދެވޭނެ ކަމަށް ފިޝަރީޒުން މައުލޫމާތުދެއެވެ.
މިޕްރޮގުރާމުގެ ތެރޭގައި ހަތަރުރަށުގައި ގެންގުޅޭ ޖަނަވާރުގެ ތަފާސްހިސާބު ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ، ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގައި ހިންގާ އެނިމަލް ޕެސްޓް އެންޑް ޑިޒީސް ސާވޭލެންސް ޕްރޮގްރާމް މިއަދުން ފެށިގެން އެ ހަތަރު ރަށުގައި ކުރިއަށް ދާނެ ކަމަށެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.