މުރަނގަފަތާއި މުރަނގަތޮޅިއަކީ ދިވެހި ސުފުރާތަކާ ބީރައްޓެހި ބާވަތްތަކެއް ނޫނެވެ. މިއީ އޭގެ ސިއްހީ ފައިދާތަކަށްޓަކައި އެތައް ޒަމާނެއްވަންދެން ދިވެހިންގެ ކެއުންތަކުން ފާހަގަކޮށްލެވޭ ބާވަތްތަކެކެވެ. މުރަނގަތޮޅި ކިރުގަރުދިޔައިން ފެށިގެން ގޮސް، މުރަނގަފަތު ބިސްގަނޑަކީ މިހާރުވެސް ދިވެހި ކެއުންތަކުން އާންމުކޮށް ފެންނަ ބާވަތްތަކެކެވެ.
މުރަނގަ ގަހަކީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގަހެކެވެ. ވަކިން ހާއްސަކޮށް އިންޑިއާ، ޕާކިސްތާނު، ބަންގްލަދޭޝް އަދި އަފްޣާނިސްތާނު ސަރަހައްދަށެވެ. ރާއްޖޭގައިވެސް މުރަނގަ ގަސް މަދެކޭ ނުބުނެވޭނެއެވެ. މުރަނގަ ގަހުގެ ހުރިހާ ބައެއްހެން ކައި އުޅެއެވެ. ސުޕާފުޑްއަކަށް މި މުރަނގަވަނީ ވެސް އެހެންވެއެވެ. ބަރުދަން ލުއިކުރަން ބޭނުންވާ ފަރާތްތަކަށް މުރަނގަފަތީ އެންމެ ގާތް އެއް އެކުވެރިޔާއޭވެސް ބުނެވިދާނެއެވެ.
ނިއުޓްރިޝަން
މުރަނގަފަތަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާ މިރަލްތަކުން ފުރިބާރުވެފައިވާ ކުޑަވަރެއްގެ ބޭންކެކެވެ. ހަމަ އެހެންމެ، މިއީ އެންޓިއޮކްސިޑަންޓްސްވެސް އެކުލެވޭ ފަތެކެވެ. ނަމަވެސް މުރަނގަ ފަތުގައި ފައިޓޭޓްސް އެކުލެވެއެވެ. މިއީ މިނަރަލްތަކާ އެކުވެގެން ހަށިގަނޑުގެ ތެރެއަށް ދައުރުވާ އެންޓިނިއުޓްރިއަންޓްތަކެކެވެ.
21 ގުރާމް މުރަނގަފަތުގައި އެކުލެވިގެންވަނީ
- ޕްރޮޓީން: 2 ގުރާމް
- ވިޓަމިން ބީ6: އާރްޑީއޭ ގެ 20 ޕަސެންޓް
- ވިޓަމިން ސީ: އާރްޑީއޭ ގެ 11 ޕަސެންޓް
- ދަގަނޑުގެބައި: އާރްޑީއޭ ގެ 10 ޕަސެންޓް
- ރީބޯފްލާވިން ބީ2: އާރްޑީއޭ ގެ 11 ޕަސެންޓް
- ވިޓަމިން އޭ (ބީޓާ-ކެރޮޓީންއިން): އާރްޑީއޭ ގެ 9 ޕަސެންޓް
- މެގްނީޒިއަމް: އާރްޑީއޭ ގެ 8 ޕަސެންޓް
އާރްޑީއޭ ނުވަތަ ރެކޮމެންޑަޑް ޑައެޓްރީ އެލަވަންސްއަކީ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި ދުވާލެއްގެ މައްޗަށް ހަށިގަނޑަށް މުހިންމު މާއްދާތައް ބޭނުންވާކަމަށް ކަނޑައަޅާފައިވާ މިންގަނޑުތަކެވެ.
ބަރުދަން ލުއިކުރުމާ މުރަނގަފަތުގެ ގުޅުން
ކުރިންވެސް ބަޔާންކުރި ފަދައިން ބަރުދަން ލުއި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް މުރަނގަ ފަތުގެ ފައިދާ ބޮޑެވެ. މިހާތަނަށް (ޖަނަވާރުތަކުގައި) ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މުރަނގަފަތަކީ ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު ދަށްކޮށްދޭ ބާވަތެކެވެ. އަދި ހަށިގަނޑައި ހުންނަ ސަރުބީތައް ވިރުވާލާ މިންވަރުވެސް ރަނގަޅުކޮށްދޭ ބާވަތަކެވެ. މީގެ އިތުރުން، މުރަނގަފަތަކީ ބަނޑަށް ކުރާ ވައި/އެސިޑްގެ އުނދަގޫތަކުންވެސް ދުރުކޮށްދޭ އަސަރުތަކެއް އޭގައި އެކުލެވޭ ފަތެއްކަމުން، މިއީ ބަރުދަން ލުއިކުރަން އުޅޭއިރު ބޭނުން ކުރަން ހަމަ އެންމެ ރަނގަޅު އެއް ބާވަތްކަމުގައި ދެންނެވިދާނެއެވެ. މުރަނގަފަތުގެ އިތުރުން މުރަނގަތޮޅިއާއި ތޮޅީތެރޭގައިވާ އޮއްތަކުންވެސް މިކަން ކޮށްދޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މުރަނގަފަތުގެ ފައިދާ
ދުޅަހެޔޮ އިސްތަށިގަނޑާ ހަންގަނޑަކަށް: މުރަނގަފަތަކީ ހަށިގަނޑުގައި ލޭ ހިނގުން ރަނގަޅުކޮށްދޭ ބާވަތެކެވެ. މިއީ ގުދުރަތީ ޑިޓޮކްސިފަޔާއެއްކަމުން ހަންގަނޑާ އިސްތަށިގަނޑޫ ރީތިކޮށްދެއެވެ.
ކަށިތަކުގެ ދުޅަހެޔޮކަން: ކެލްސިއަމްއާއި ފޮސްފަރަސްގެ މާއްދާތަކުން މުއްސަނދިވެފައިވާ މުރަނގަފަތަކީ ހުޅުހުޅުގައި ރިއްސުމާ، އާތްރައިޓިސް ފަދަ ބަލިތަކުގެ ވޭން ލުއިކުރަން ބޭނުންކުރެވިދާނެ ބާވަތެކެވެ.
ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް: މުރަނގައިގައި އެކުލެވޭ އައިސޯތިއޯސައިނޭޓްއާއި ނިއާޒިމިނިން މާއްދާގެ ސަބަބުން އާޓެރީތަކުގެ މައްސަލަ ކުޑަކޮށްދީ، ސްޓްރޯކްއާއި ހާޓްއެޓޭކް ފަދަ ފުރާނައަށް ނުރައްކާތެރި ހާލަތްތަކުން ސިއްހަތު ސަލާމަތްކުރުމަށް އެހީތެރިވެދެއެވެ.
މުރަނގަފަތް ކާންވީ ކިހިނެއް؟
މޮރިންގާ ނުވަތަ މުރަނގަ ސަޕްލިމެންޓްތަކަކީ މިހާރު ބާޒާރުން ހޯދަން މާ އުނދަގޫ އެއްޗެއް ނޫނެވެ. ޕައުޑަރާ ކެޕްސޫލްގެ ގޮތުގައިވެސް މި ލިބެން ހުރެއެވެ. މީގެ އިތުރުން މުރަނގަފަތު ސައިވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް މިއިން އެއްވެސް ބާވަތެއް ބޭނުންކުރައްވާނީ ކަމާބެހޭ ސިއްހީ މާހިރެއްގެ ފުރިހަމަ އިރުޝާދުގެ ދަށުންނެވެ.
ކަންމިހެން އޮތްއިރު، ދިވެހި ކެއުންތައް އެޔާ ނުލާ ފުރިހަމަ ނުވާ ތެލުލި މުރަނގަ ފަތަކީ ހަށިގަނޑަށް ފައިދާހުރި ބާވަތެއް ނޫންކަންވެސް ފާހަގަކުރަންޖެހެއެވެ. އެހެނީ، ގިނަ ފަހަރަށް އެ ފަތް ތެލުލާން ބޭނުންކުރާ ތެލަކީ ތަކުރާރުކޮށް ބޭނުންކޮށްފައި ހުންނަ، ނުރައްކާތެރި ތެޔޮގަނޑެކެވެ. ހަމައެހެންމެ، ތެލުމުގެ މަރުހަލާގެ ތެރޭގައި، މުރަނގަފަތުގެ ފައިދާކުރަނިވި މާއްދާތައް އަނދާދެއެވެ. އެހެންކަމުން، ހިކޭށޭ ބުނެ ތެލުލި މުރަނގަ ފަތް ކެއުމަށްވުރެ ރަނގަޅުވާނީ ނުކެއުމެވެ. ޑަޔަޓްގައި މުރަނގަ ފަތް ހިމަނާއިރުވެސް، ކަމާބެހޭ ސިއްހީ ތަޖުރިބާކާރެއްގެ ލަފަޔާ އިރުޝާދު ހޯދަން ވާނެއެވެ. ހަނދާނުގައި ބަހައްޓަންވީ ކަމަކީ ހަމައެކަނި މުރަނގަފަތް ބޭނުންކޮށްގެން ބަރުދަން ލުއިކޮށް ނުލެވިދާނެކަމެވެ. ކެއުމަށް ގެންނަ ބަދަލާއެކު ގަވައިދުން ކަސްރަތު ކުރުމަކީވެސް މުހިންމުކަމެއްކަން ދަންނަންވާނެއެވެ.