ބަންގްލަދޭޝްއާއި އިންޑިއާ ހިއްސާކުރާ ކަނޑުގެ އައްސޭރި ފަށުގެ ސަރަހައްދުގެ ސަލާމަތްތެރިކަން މިހާރަށް ވުރެ ހަރުދަނާ ކުރުމަށްޓަކައި ބަންގްލަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުގައި ސާވޭލަންސް ނިޒާމެއް ގާއިމުކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއިން މިފަދަ ނިޒާމެއް ގާއިމުކުރާ 2 ވަނަ ފަހަރެވެ. މީގެ ފުރަތަމަ ނިޒާމު ގާއިމު ކޮށްފައި ވަނީ ދިވެހިރާއްޖޭގައެވެ.

ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމެއް ބަންގްލަދޭޝްއާއި އިންޑިއާއާއި ދެމެދު އެކުލަވާލާފައިވަނީ، ބަންގަލަދޭޝްގެ ބޮޑުވަޒީރާ ޝައިހު ހަސީނާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ހަސީނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއިވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، މިޔަންމާއިން ނިކުތް ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީންނަށް ބަންގްލަދޭޝްއިން ފޯރުކޮށްދެމުންދާ އިންސަނީ އެހީ ފާހަގަކުރައްވާ، އެކަމުގެ އަގު ވަޒަން ކުރައްވާކަމަށް ވިދާޅުވެފައެވެ.

ދެގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އިންޑިއާއާއި ބަންގްލަދޭޝްއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާ ކުރުމުގެ އެއްބަސްވުމެއްވެސް ވަނީ އެކުލަވާލާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އަންނަ 2020 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައި މޯދީ ބަންގްލަދޭޝްއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއާއި ބަންގްލަދޭޝްއާ ދެމެދު އެކުލަވާލާފައިވާ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ނިޒާމު ގާއިމުކުރުމުގެ އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.