ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ވަދެ ދަނޑު ފުރާލުމަކީ ޖޯކް ޖަހަންވީ ކަމެއް ނޫން ކަމަށާ، އެއީ ސީރިއަސް މައްސަލައެއް ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަލޮޅު ދަނޑުގައި ރަޖިސްޓާވުމުގެ ކަންކަން އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. ދަނޑުގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބިދޭސީން ކިއުގައި ޖެހި ރަޖިސްޓްރީ ވުމަށް ދަނަޑަށް ވަދެފައި ވާއިރު ގަލޮޅު ދަނޑުގެ ހުޅަނގު ފަރާތު ސިޑިބަރި އެއްކޮށް ވަނީ ފުރާލާފައެވެ. ނަމަވެސް މި ކަމަށް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދިޔައީ ބޮޑު ޖޯކަކަށް ހަދާ ފާޑު ކިޔަމުންނެވެ.

މިކަމާ ގުޅިގެން މަހްލޫފް ވިދާޅުވީ، މިއީ ފުޓުބޯޅަ ދަނޑުތައް ފުރާލުމުގެ ވައުދު ފުއްދުނީ ކަަމށް ބުނެ ޖޯކް ޖަހާ ވަރަށް ވުރެ މާ ސީރިއަސް މައްސަލައެއް ކަމަށެވެ. މި މަންޒަރު ވަރަށް ސާފުކަމަށް ވިދާޅުވެ މަހްލޫފް ވަނީ، ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި އެ މިނިސްޓްރީގެ މުޒައްޒަފުން ކުރާ މަސައްކަތަށް ސާބަސް ދަންނަވާފައެވެ.

ގަލޮޅު ދަނޑަށް ވަނުމަސް ބިދޭސީން ކިއު ހަދާފައި

އިއްޔެ ދަނޑުގައި ކުރިއަށް ދިޔައީ ބިދޭސީންގެ މައުލޫމާތު ނެގުމާއި އެމީހުންނަށް ގުޅޭނެ ފޯނު ނަންބަރުތައް ނެގުމެވެ. އަދި އެއިން ކޮންމެ މީހަކަށް ކިޔު ނަންބަރެއް ދޫކޮށް އެ ނަންބަރާއެކު ހަމަޖައްސާފައި އޮންނަ ދުވަހަށް މިނިސްޓްރީއަށް ހާޒިރުވުމުން ރަޖިސްޓާ ވުުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓާ ވާން ސަރުކާރުން ވަނީ ހަ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރަޖިސްތްރީ ވުމަށް ގަލޮޅު ދަނޑު ފުރާލާފައި

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ފެށީ މިދިޔަ މަހުއެވެ. އެ ޕްރޮގްރާމްގެ ދަށުން 'ރެގިއުލަވައިޒް ވާން' އެދޭ ބިދޭސީން ދަފްތަރު ގައި ރަޖިސްޓްރީވުމަށް ދޫކުރަމުން ގެންދިޔަ ކިޔު ނަންބަރު ދޫކުރީ ސިވިލް ސާވިސް ކޮމިޝަނުގެ އޮފީސް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިންނެވެ. ނަމަވެސް ކިޔު ޖެހޭ މީހުންގެ އަދަދު ގިނަ ކަމާއި ދުވާލަކަށް އޭރު ދޫކުރީ 150 ނަންބަރު ކަމުން، ގިނަ ބިދޭސީން ދަންވަރުގެ ވަގުތުން ފެށިގެން ކުރިއަށް އޮންނަ ދުވަހަށް މަގުމަތީގައި ކިޔު ހަދައިގެން ތިބެން ޖެހޭ ޖެހުން ހައްލު ކުރުމަށް އެ ޕްރޮގްރާމް ދަނޑަށް ބަދަލު ކުރީ އިއްޔެއެވެ.