ދިވެހި ބަހުން ވާހަކަ ދައްކާ ބަޔަކު އުޅޭ މަކިލު ސަރަހައްދުން އިންޑިއާއިން ހިފެހެއްޓި ދިވެހި މަސްބޯޓުގައި 11 ދިވެހިން ތިބިކަން އެނގިއްޖެއެވެ. "ދަޕްރެސް" އަށް އެނގިފައި ވާ ގޮތުގައި ބޯޓު ހުއްޓުވާފައި ވަނީ އިންޑިއާގެ ކަނޑުގެ ފްލީޓުންނެވެ.

މަސްވެރިކަން ކުރާ އެ ބޯޓު ހިފަހައްޓާ މިހާރު ވަނީ މަލިކަށް ވައްދާފައެވެ. ސޯޝަލްމީޑިއާގައި ދައުރުވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި އެ މަސްބޯޓުގައި ތިބި މީހުން ތިބެނީ އަމާން ދޭ ގޮތަށް އަތްމައްޗަށް ނަގައިގެންނެވެ. އަދި އިންޑިއާ ސިފައިން އެ ބޯޓަށް އަރާފައި ތިބި ފޮޓޯވެސް ވަނީ އާންމު ވެފައެވެ.

މި މަސްބޯޓާ ބެހޭ މައުލޫމާތެއް ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަ ނުކުރި ނަމަވެސް އެ ބޯޓަކީ ށ. ކޮމަންޑުއަށް ނިސްބަތްވާ 'އަންބަރީ' ކަން ވަނީ އެނގިފައެވެ.

މަސްބޯޓުގައި ފަޅުވެރިން އަތްމައްޗަށް ނަގައިގެން

މި ބޯޓާ ބޯޓުގައި ތިބި ދިވެހިން ސަލާމަތް ކުރަން ދިވެހި ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްކަންވެސް ހާމަ އެއް ނުކުރެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަންނަ ބޯޓު ފަހަރާ، އަތުލެވޭ ބޯޓު ފަހަރާއި، ބޭރުގެ ގައުމުތުގެ ކަނޑުގެ ސަރަހައްދު ތަކަށް ވަންނަ ދިވެހި ބޯޓު ފަހަރާ ބެހޭ މައުލޫމާތު އާންމުކޮށް ހާމަ ކުރާ އެމްއެންޑީއެފުންވެސް މިކަމުގައި ބަހެއް އަދި ނުބުނެއެވެ.