އިއްޔެ އިންޑިއާގައި އޮތް އިންޑިއާ އިކޮނޮމިކް ސަމިޓުގައި، އިންޑޯ-ޕެސެފިކް ސަރަހައްދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒާން ލިޒޮހޮންގް ރައްދު ދެއްވައިފިއެވެ.

އިންޑިއާ އިކޮނޮމިކް ސަމިޓުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖިލިސް ހުއްޓުމަކަށް ގެނެސް، އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމުން، އިދިކޮޅުން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. އަދި އެ ދުވަސްވަރު އިންޑިއާއާއި ޗައިނާއާ ދެމެދު ކޮންމެވެސް ގޮތަކުން ކުރިމަތިލުމެއް ދިޔަ ކަމުގެ މައުލޫމާތު އެމަނިކުފާނަށް ލިބިވަޑައިގެންފައި ވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާގެ އެހީތެރިކަން ހޯދައިގެން ރާއްޖެ ކުރިއަށް ދާން ބޭނުންވާ ކަމަށާއި، ނަމަވެސް ޗައިނާގެ މައްސަލައަކީ ދަރަންޏެއްގައި ރާއްޖެ އަބަދުވެސް ބަނދެވުން ކަމަށެވެ. ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ، ޗައިނާއާއި އިންޑިއާއާ ދެމެދު ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރެއްވުމަކީ ބޭކާރު ކަމެއް ކަމަށާއި ނަޝީދު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.

ޗައިނާ ސަފީރު ވިދާޅުވީ ރާއްޖެއަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ޗައިނާ އަދި އިންޑިއާ ވެސް ރަނގަޅު ގުޅުމެއް ބާއްވައިގެން ކުރިއަށް ދިއުން ކަމަށާއި، ޗައިނާ-އިންޑިއާ ގުޅުމަކީ ހާރިޖީ ދާއިރާއަށް ވުރެ ބޮޑުވެ، މުޅި ދުނިޔެއާ ގުޅޭ ސްޓްރެޓީޖިކް ގުޅުމަކަށް ވެފައި ވާ ކަމަށެވެ.

ޗައިނާއިން އެއްވެސް ގައުމަކަށް ފިކުރު އެކްސްޕޯޓެއް ނުކުރާނެ
ޗައިނާ ސަފީރު

ޗައިނާ ސަފީރު ވިދާޅުވީ ޗައިނާއިން އެއްވެސް ގައުމަކަށް އެ ގައުމުގެ ފިކުރު އެކްސްޕޯޓު ނުކުރާ ކަމަށާއި، ނަމަވެސް ޗައިނާއިން ތަރައްގީ ހޯދަނީ އެހެން ގައުމުތަކާ ވެސް ގުޅިގެން ކަމަށެވެ. އަދި ޗައިނާއިން ގައުމުތަކާ ގުޅުން ގާއިމު ކުރަނީ އެގައުމުން ގަބޫލުކުރާ ސުލްހަވެރި ކަމުގެ ފަސް އަސާސުގެ މައްޗަށް ބިނާކޮށް ކަމަށާއި، އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ޗައިނާއިން ދުވަހަކު ވެސް ނުވަންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު މިފަދައިން ވިދާޅުވީ، ޗައިނާއިން ގައުމުތަކަށް ނުފޫޒު ފޯރުވައިގެން ގާނޫނު ތަކަށް ބަދަލުގެނެސް، ސިންގަލް ޕާޓީ ރޫލްއަކަށް މަގުފަހި ކުރުމުގެ ފިކުރު ގައުމުތަކަށް ފަތުރާކަމަށް ނަޝީދު ވިދާޅުވެފައި ވުމާ ގުޅިގެންނެވެ.

މީގެ އިތުރުން އިންޑިއާ އިކޮނޮމިކް ސަމިޓުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ޗައިނާއިން ވަނީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ކާމިޔާބު ތަކެއް ހޯދާފައި ކަމަށާއި، އެގޮތުން 800 މިލިއަން މީހުން ފަގީރު ކަމުން ސަލާމަތް ކޮށް، 2020 ވަނަ އަހަރު އަންނަން ވާއިރަށް އެގައުމުން "އެކްސްޓްރީމް ޕަވަޓީ" މުޅިން ނައްތާލެވޭނެ ކަމަށް ބުނެ ޗައިނާ ސަފީރު ވަނީ ރައްދު ދެއްވާފައެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ޗައިނާ ސަފީރު ތަފްސީލީ ގޮތެއްގައި ރައްދު ދެއްވާފައި ވާއިރު، މީގެ ކުރިން ވެސް ރައީސް ނަޝީދާއި، ޗައިނާ ސަފީރު ވަނީ ދެ ފަހަރެއްގެ މަތިން ބަހުގެ ހަމަލާތައް ބަދަލު ކުރައްވާފައެވެ.