އިއްޔެ ރޭ ރަހީނު ކުރި ބިދޭސީ މީހާގެ މައްސަލާގައި ހަ ބިދޭސީއަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ދެ މީހުންނާއި، 20 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއް ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ހަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައި ވާއިރު، މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުންގެ މައްސަލަތަށް މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީކޮށް ބަލަމުން ކަމަށް ފުލުހުން ބުނެއެވެ.

މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީއަކު ރަހީނު ކޮށްފައިވާ ކަމުގެ ރިޕޯޓު ރޭ ފުލުހުންނަށް ލިބުމާ އެކު އެތަނަށް ގޮސް ވަނީ އެމީހާ ސަލާމަތް ކޮށްފައެވެ.

މިދިޔަ ސެޕްޓެމްބަރު މަހުވެސް ބަޔަކު ރަހީނު ކޮށްގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ބިދޭސީއެއް ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ބިދޭސީ މީހާ ވަނީ، ރަހީނު ކުރި މީހުންގެ ކިބައިން ސަލާމަތް ވެގެން އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވެ، އެކަން ހިނގާފައިވާ ގޮތް އިތުރަށް ތަފްސީލް ފުލުހުންނަށް ކިޔައިދީފައެވެ.

މިފަހަކަށް އައިސް މާލޭގައި މިފަދަ ކުށްތައް އަންނަނީ ގިނަވަމުންނެވެ. ދޭސީންނާއި ބިދޭސީންގެ މައްސަލަތަކެވެ. އެކަންކަން ހުއްޓުވުމަށްޓަކައި ފުލުހުން އަންނަނީ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.