ބްރެސްޓެ ކެންސާ ނުވަތަ އުރަމަތީގެ ކެންސަރަކީ އަންހެނުންނަށް ޖެހޭ ކެންސަރުގެ ތެރެއިން 2 ވަނައަށް އެންމެ އާންމު ކެންސަރެވެ. ހަމަމިއާއެކު ފާހަގަކުރަންޖެހޭ އަނެއް ކަމަކީ، ފިރިހެނުންނަށް އުރަމަތީގެ ކެންސަރު ޖެހޭ ކަމެވެ. އަދި ފިރިހެނުންނަށް މި ކެންސަރު ޖެހުމުން، އަންހެނުންނަށްވުރެ ނުރައްކާ ބޮޑުވާކަމެވެ.
އެމެރިކާގެ ކެންސާ ސޮސައިޓީއިން ލަފާކުރާ ގޮތުގައި މިއަހަރު ތެރޭގައި އުރަމަތީގެ ކެންސަރު ޖެހިގެން 271000އަށްވުރެ ގިނަ މީހުން އަލަށް ރެކޯޑްކުރެވެނެއެވެ. އަދި މީގެ ތެރެއިން 99 ޕަސެންޓް ޕޭޝަންޓުންނަކީ އަންހެނުން ވުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އެ ޖަމިއްޔާއިން ލަފާކުރެއެވެ.
އުރަމަތީގެ ކެންސަރަކީ ކޮބާ؟
އުރުމަތީގެ ކެންސަރު އުފެދެނީ އާދަޔާ ހިލާފަށް އުފެދޭ ސެލްތަކެއްގެ ގޮތުގައެވެ. އަދި މިއީ އެކަށީގެންވާ ފަރުވާއެއް ނުދެވިއްޖެނަމަ ހަށިގަނޑުގެ އެހެން ސަރަހައްދުތަކަށްވެސް ދަތުރުކުރާ ސެލްތަކަކަށްވެއެވެ. އުރަމަތީގެ ކެންސަރު އާންމުކޮށް އުފެދެން ފަށަނީ ކުށަ ސަރަހައްދެއްގައެވެ. އެއީ އުރަމަތީގެ އެންމެ ކޮޅަށް އިންސާނާގެ ކިރު ފޯރުވާދޭ ގްލޭންޑްތަކާ ހިސާބުގައެވެ. ނުވަތަ ޑަކްޓްތަކުގައެވެ. ހަމަ މިއެކު އުރަމައްޗާ ގުޅިފައިވާ މޭމަތީގެ ސަރަހައްދުގައިވެސް މި ކެންސަރު އަށަގަނެ ވަކި ހިއްޕާލަން ފަށާފާނެއެވެ.
އުރަމަތީގެ އެކި ކަހަލަ ކެންސަރު ފެތުރެނީ އެކި ރޭޓުގައެވެ. ބައެއް ކަހަލަ ކެންސަރުން އުރަމަތިން އެހެން ހިސާބުތަކަށް ދަތުރުކުރުމަށް އަހަރެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސްވާއިރު، އެއަށްވުރެ އަވަހަށްވެސް ފެތުރިގެންދާ ފަހަރު އާދެއެވެ.
އުރަމަތީގެ ކެންސަރުގެ ވައްތަރުތަކަކީ ކޮބާ؟
އުރަމަތީގެ ކެންސަރުގެ ތަފާތު ވައްތަރުތަކެއް ހުރެއެވެ. ނަމަވެސް އެންމެ އާންމުކޮށް ފެންނަ 2 ވައްތަރަކީ ޑަކްޓަލް ކާސިނޯމާ އިން ސިޗޫއާއި ލޯބިއުލާ ކާސިނޯމާ އިން ސިޗޫއެވެ.
ޑަކްޓަލް ކާސިނޯމާ އިން ސިޗޫ
މިއީ އިންސާނާގެ ހަށިގަނޑުން ކިރު ދަތުރުކުރާ މަގުގައި އުފެދޭ ކެންސަރުގެ އެންމެ ފުރަތަމަ މަރުހަލާ (ސްޓޭޖް 0)އެވެ. މި ވައްތަރުގެ ކެންސަރަށްވެސް އަވަހަށް ފަރުވާ ނުކުރެވިއްޖެނަމަ ކެންސަރުގެ ބާރު ގަދަކޮށްލައެވެ. މިއީ އާންމު ގޮތެއްގައި ފަރުވާކޮށްގެން ފަސޭހަ ކުރެވޭ ކެންސަރެކެވެ.
ލޯބިއުލާ ކާސިނޯމާ އިން ސިޗޫ
މިއީ ކިރު އުފައްދަ ލޯބިއުލްސް އިން ފެންނަ ކެންސަރެވެ. މިއީ ހަގީގަތުގައި ކެންސަރެއް ނޫނެވެ. ނަމަވެސް މިއީ ފަހުގެ ތާރީހެއްގައި ކެންސަރު ޖެހުން ގާތްކަން އަންގައިދޭ ފާހަގައެކެވެ. ލޯބިއުލްސްއިން މި ފާހަގަ ފެނިއްޖެނަމަ، އުރަމަތީގެ ކެންސަރަށް ގަވައިދުން ޗެކަޕް ހަދަމުންދާންޖެހޭނެއެވެ.
އުރަމަތީގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބާ؟
- އުރަމަތީގައި ގޮށެއް ލާފައި ހުރުން ނުވަތަ އުރަމަތީގެ އެހެން ހިސާބުތަކަށްވުރެ ހަންބޯކޮށް ހުންނަ ސަރަހައްދެއް ފާހަގަކުރެވުން
- އުރަމަތީގެ ސައިޒާ، ބައްޓަން އަދި ބަލާބެލުމަށް ތަފާތު ގޮތެއް ފާހަގަވުން
- އުރަމަތީގެ ހަމަށް ބަދަލު އައުން (މިސާލަކަށް ވަޅުވަދެފައި ހުންނަ ކަހަލަ ގޮތަކަށް)
- އުރަމަތީގެ ކޮޅު (ނިޕްލް) އެތެރެއަށް ވަނުން
- އުރަމަތީގެ ހަން ނުވަތަ އުރަމަތީގެ ކޮޅާ ވީ ސަރަހައްދުގައި ހުންނަ ހަން ކުރަކިވެ، ހަން ނެއްޓޭ ގޮތްވުން
- އޮރެންޖު ތޮށި ހުންނަ ގޮތަށް އުރަމަތީގެ ހަމުގައި ރޫޖެހި ރަތްކުކަލައެއް އެރުން
- އެންމެ ފަހުން ހެދި މެމޯގްރާމް ނުވަތަ އުރަމަތީ ސްކޭންއިން މައްސަލައެއް ނުދެއްކި ނަމަވެސް، މިއިން އަލާމާތެއް ފެނިއްޖެނަމަ ކަމާބެހޭ ޑޮކްޓަރެއްގެ ލަފާ، ވީ އެންމެ އަވަހަކަށް ހޯދަންވާނެއެވެ.
އުރަމަތީ ކެންސަރު ޖެހެނީ ކީއްވެ؟
ދިރާސާތަކުން ހޯދިފައިވާ ގޮތުގައި އުރަމަތީގެ ކެންސަރު ޖެހޭ ތަފާތު ސަބަބުތަކެއް ހުރެއެވެ. މީގެ ތެރޭގައި ހޯމޯންސް، ދިރިއުޅުމުގެ އާދައްތަ އަދި ދިރިއުޅޭ ވެށިން ކުރިމަތިވާ ސަބަބުތަކެއްވެސް ހުރެއެވެ. ނަމަވެސް ހޯދިފައި ނުވާކަމަކީ އުރަމަތީގެ ކެންސަރު ޖެހުމުގެ ނުރައްކާ ނެތް މީހުންނަށްވެސް މި ކެންސަރު ޖެހުމާ، ކެންސަރު ޖެހުމުގެ ނުރައްކާ އޮތް ބައެއް މީހުންނަށް މި ކެންސަރު ނުޖެހިދާ ސަބަބެކެވެ. އެހެންކަމުން މިއީ، އެމީހަކު ދިރިއުޅުމުންދާ ވެއްޓާ ޖެނެޓިކްސްގެ ސަބަބުން ކުރިމަތިވާ ހާލެތެއް ކަމަށް ބައެއް ތަޖުރިބާކާރުން ނިންމައެވެ.
ވާރުތަކުރާ ކެންސަރު
ޑޮކްޓަރުން ލަފާކުރާ ގޮތުގައި އުރަމަތީ ކެންސަރު ޖެހިގެން ރިޕޯޓްކޮށްފައިވާ ކޭސްތަކުގެ 5-10 ޕަސެންޓް ކޭސްތަކަކީ އާއިލީ ގޮތުން ވާރުތަކޮށްގެން ކެންސަރު ޖެހިފައިވާ މީހުންނާ ގުޅުންހުރި ކޭސްތަކެކެވެ. އާއިލާގައި އުރަމަތީގެ ކެންސަރު ދައުރުވަމުންދާނަމަ ނުވަތަ އެނޫންވެސް ކެންސަރުތަކެއް ދައުރުވަމުންދާނަމަ ތަޖުރިބާކާރު ޑޮކްޓަރެއްގެ އިރުޝާދާއެކު ގަވައިދުން ޓެސްޓުކުރަމުންދިއުން ބުއްދިވެރިއެވެ. އަދި ޖެނެޓިކްސް ކައުންސިލަރެއްގެ ލަފާ ހޯދުންވެސް އެދެވިގެންވެއެވެ.
އުރަމަތީގެ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް؟
- އަންހެނުން: ފިރިހެނަކަށްވުރެ ބޮޑަށް، އަންހެނަކަށް އުރަމަތީ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑު
- އުމުރުން ދުވަސްވުން: އުމުރުން ދުވަސްވަމުން ދާ ވަރަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތުވެސް ބޮޑުވޭ
- އުރަމަތީގެ ސިއްހީ މައްސަލަތަކެއް ހުރުން
- އުރަމަތީގެ އެއް ފަޅިއަށް ކެންސަރު ޖެހިފައި ހުރުން
- އާއިލާގައި އުރަމަތީގެ ކެންސަރު ދައުރުވުން
- އާއިލީ ގޮތުން ކެންސަރު ޖީންސް ވާރުތަކޮށްފައި ހުރުން
- ކުޑައިރު ނުވަތަ ޒުވާންކަމުގެ ޅަ ދުވަސްވަރު މޭމައްޗަށް ދެވުނު ފަރުވާއެއްގައި ރޭޑިއޭޝަނަށް ހުށަހެޅިފައި ހުރުން
- އާދަޔާ ހިލާފަށް ފަލަވުން
- އުމުރުން 12 އަހަރު ފުރުމުގެ ކުރިން (އާދަޔާ ހިލާފަށް ހަގު އުމުރެއްގައި) ހައިލުވާން ފެށުން
- އިއްދައިން ކެނޑޭ އުމުރު އާދަޔާ ހިލާފަށް ދޮށީވުން
- އުމުރުން 30 އަހަރު ވުމަށްފަހު އަލަތު ދަރިއަކު ލިބޭ އަންހެނުން
- ދުވަހަކުވެސް ބަލިވެ އިން އަންހެނަކަށް ނުވުން
- ހޯމޯން ތެރަޕީ ނުވަތަ ހޯމޯން ބޭސް ބޭނުންކޮސްފައި ތިބި އަންހެނުން
- ރާ ބުއިން
މިއީ އުރަމަތީގެ ކެންސަރުގެ ނުރައްކަލަށް އާންމުކޮށް ހުށަހެޅިފައި މީހުންނެވެ. މީގެ ތެރެއިން ދެތިން ޝަރުތެއް ފުރިހަމަވިއަސް މި ކެންސަރު ނުޖެހިވެސް ހުރެދާނެއެވެ. ނުވަތަ މިއިން ކަމެއް ނުފެނި، ކެންސަރު ޖެހިފައި ހުރުމުގެ ފުރުސަތު އޮވެއެވެ.
އުރަމަތީ ކެންސަރުން ދުރުވާނީ ކިހިނެއް؟
މިއީ ސައްތަ އިންސައްތަ ދިފާއީ ނުކުތާތަކެއް ނޫނެވެ. ނަމަވެސް ދިރިއުޅުމުގެ ބައެއް އާދަތަކަށް ގެނެވޭ ބަދަލާއެކު، މިކަމުގެ ނުރައްކާ ކުޑަކުރުމުގެ ފުރުސަތު އޮވެއެވެ.
- އުރަމަތީ ކެންސަރަށް ގަވައިދުން ސްކްރީން ކުރުން
- އަމިއްލައަށް އުރަމަތީގެ ސިފަތައް ވަޒަންކޮށް، މައްސަލައެއް އުޅޭތޯ ނުވަތަ ނޫންތޯ ބަލަން ތަޖުރިބާކާރެއްގެ ގާތުން ދަސްކޮށް، އަމިއްލައަށް ގޭގައިވެސް ގަވައިދުން ޗެކަޕް ހެދުން
- ރާބުއިމާ މަސްތުވުމުގެ އަމަލުތަކާ ދުރުވުން
- ހަފުތާ ތެރޭގައި ގަވައިދުން ކަސްރަތު ކުރުން. ހަފުތާގެ ގިނަ ދުވަސްތަކުގައި މަދުވެގެން 30 މިނެޓް ކަސްރަތުކުރުން
- ވީ ވަރަކުން ހޯމޯން ތެރަޕީ ނުވަތަ ހޯމޯންއާއި ކުޅެލާ ބޭސްތަކާ ދުރުވުން
- ރޫފައާއި އިސްކޮޅާ އުމުރަށް އެކަށޭނަ ދުޅަހަޔޮ ބަރުދަނެއް ދެމެހެއްޓުން
- ފައިދާ ހުރި ކަނާ ބޭނުންކޮށް ކެއިން ބުއިމުގެ ދުޅަހެޔޮ އާދަތައް ހިޔާރުކުރުން
އުރަމަތީގެ ކެންސަރަކީ އުރަމަތީގެ ސެލްތަކުގައި އުފެދޭ ކެންސަރެކެވެ. އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރިކުރެވެމުންދާ ވަރަކަށް މި ބަލި ދެނެގަނެވި، އެކަމަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އަދި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ދަނީ ދަށްކުރެވެމުންނެވެ.
އޮކްޓޯބަރު މަސް ފާހަގަކުރަނީ އުރަމަތީ ކެންސަރަށް މީހުން ހޭލުންތެރިކުރުވުމުގެ މަހުގެ ގޮތުގައެވެ.
ވަރަށް ފުރިހަމަ ލިޔުމެއް