2020 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރާޓުންގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ބާނީ ސޭންޑާޒްއަށް ހާޓްއެޓޭކެއް ޖެހިއްޖެއެވެ.

ބާނީ ސޭންޑާޒްއަށް ހާޓްއެޓޭކެއް ޖެހިފައިވަނީ ހުސްވި ހަފުތާގެ ކުރީކޮޅު ކަމަށް އޭނާގެ ޑޮކްޓަރުންވަނީ ކަށަވަރުކޮށްދީފައެވެ.

މެޔަށް ތަދުވާކަމަށް ވިދާޅުވެ، އުމުރުފުޅުން 78 އަހަރުގެ ބާނީ ސޭންޑާޒްވަނީ އޭނާގެ ރިޔާސީ ކެމްޕޭންގެ ހުރިހާ ހަރަކާތްތަކެއް މިދިޔަ އަންގާރަ ދުވަހު ކުއްލި ގޮތަކަށް މެދުކަނޑުއްވާލައްވާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބްލޮކްވި އާޓެރީއަކާ ގުޅިގެން ސޭންޑާޒް މިހާރު ވަނީ ހިތުގެ އޮޕަރޭޝަނެއްވެސް ކުރައްވާފައެވެ. ސޭންޑާޒްގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށާ، މިމަހުގެ 15 ވަނަ ދުވަހު އޮންނަ ޑިމޮކްރަޓުންގެ ބަހުސްގައިވެސް އޭނާ ބައިވެރިވެވަޑައިގަންނަވާކަމަށް ސޭންޑާޒްގެ އާއިލާއިންވަނީ ހާމަކޮށްފައެވެ.

2020 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި ދެކޮޅަށް އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް އަދި ފާސްކޮށްފައެއް ނުވެއެވެ.