އީރާނުގެ ސަރުކާރާ ގުޅުން އޮންނަ ކަމަށް ބެލެވޭ ގުރޫޕަކުން، އެމެރިކާގެ 2020 ރިޔާސީ ކެމްޕޭން ހެކްކޮށްފައިވާކަމަށް މައިކްރޮސޮފްޓް ކުންފުނިން ބުނެފިއެވެ.

މައިކްރޮސޮފްޓްއިން ބުނީ އެމެރިކާގެ މިހާރާ ކުރީގެ ސަރުކާރުގެ އޮފިޝަލުންނާ، ބައިނަލްއަގުވާމީ ސިޔާސީ ޚަބަރުތައް ކަވަރުކުރަމުންދާ ނޫސްވެރިންނަށް އަމާޒުކޮށްގެން ހެކަރުންގެ ގުރޫޕުން ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ހަރަކާތްތައް ހިންގާކަމުގެ ހެކި ލިބިފައިވާކަމަށެވެ.

އެ ކުންފުނިން އާންމުކުރި ބްލޮގް ޕޯސްޓެއްގައި މައިކްރޮސޮފްޓްއިން ބުނީ، އީރާނުން ބޭރުގައި ދިރިއުޅެމުންދާ އެގައުމުގެ މުހިންމު ޝަހްސުތަކަކަށްވެސް މި ހަމަލާތައް އަމާޒުވަމުންދާކަމަށެވެ.

ހެކަރުންގެ ގުރޫޕަށް މައިކްރޮސޮފްޓް ކުންފުނިން މުހާތަބުކުރަމުންދަނީ "ފޮސްފަރަސް"ގެ ނަމުންނެވެ.

އޯގަސްޓް މަހާ ސެޕްޓެމްބަރު މަހާ ދެމެދު ހޭދަވި 30 ދުވަހުގެ މުއްދަތަކަށް ބަލާއިރު، ވަކި ފަރާތްތަކަށް ނިސްބަތްވާ އީ-މެއިލް އެކައުންޓްތަކެއް ދެނެގަތުމަށް 2700 އަށް ވުރެ ގިނަ ފަހަރު "ފޮސްފަރަސް" އިން މަސައްކަތްކޮށްފައިވާކަމަށާ، މީގެ ތެރެއިން 241 އެކައުންޓަކަށް އެންމެ ފަހުން ހަމަލާވެސް ދީފައިވާކަމަށް މައިކްރޮސޮފްޓްއިންވަނީ ހާމަކޮށްފައެވެ.

އިންތިހާބުތަކާ ދިމާކޮށް ހެކަރުންގެ ހަމަލާތައް އަމާޒުވަމުން ދިއުމަކީ އަދުގެ ދުނިޔޭގައި ސަރުކާރުތަކަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ވަކިން ހާއްސަކޮށް 2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނާ ސިޔާސީ މަސައްކަތްތަކަށް ބުރޫ އެރުވުމަށް ރަޝިޔާގެ ނުފޫޒު ފޯރުވާފައިވާކަމަށް އެމެރިކާގެ ޖާސޫސީ އޭޖެންސީތަކުގެ ހޯދުންތަކުން ސާބިތުވުމާއެކު މިމައްސަލަ ވަނީ އިހުނަށްވުރެ ބޮޑުވެފައެވެ. ރިޔާސީ އިންތިހާބު، އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމަށް އިދިކޮޅު ޑިމޮކްރަޓުންނަށް ލޮޅުންތަކެއް ރަޝިޔާއިން ލޮޅުންތަކެއް ކުރިމަތިކުރުވިކަމަށް ބުނާއިރު، ރަޝިޔާއިން މިކަމަށް އިންކާރު ކުރެއެވެ.

ކަންމިހެން އޮތްއިރު، މި ދަނޑިވަޅަކީ އީރާނާ އެމެރިކާގެ ޒަމާންވީ ހަތުރުވެރި ގުޅުން އިންތިހާއަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެކެވެ. މިފަދަ ވަގުތެއްގައި އެމެރިކާގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނިން އީރާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައި ވީ ނަމަވެސް، އީރާނުގެ ސަރުކާރުން މިކަމަށް އަދި ރަސްމީ ސިފައެއްގައި ޖަވާބުދާރީ ވެފައެއް ނުވެއެވެ.