އީ-ސިނގިރޭޓްގެ އިސްތިއުމާލު ކޮށްގެން ނުވަތަ ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެޔަށް ޖެހެމުން ދާ ނުރައްކާތެރި އާދަޔާ ހިލާފު ބަލީގައި އެމެރިކާއިން 18 ވަނަ މީހަކު މަރުވެގެން ރިޕޯޓް ކޮށްފިއެވެ.

ވޭޕް ކުރުމުގެ ސަބަބުން، ގޮތް ނޭނގޭ، ނުރައްކާތެރި ބައްޔެއް ފުއްޕާ މެޔަށް ޖެހިގެން ރިޕޯޓް ކުރި މީހުންގެ އަދަދު މިހާރު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައެވެ.

ކަމާބެހޭ ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، ވޭޕް ކުރުމުގެ ސަބަބުން ފުއްޕާމެޔަށް ޖެހެމުންދާ ނުރައްކާތެރި ބައްޔާ ބެހޭ މާ ބޮޑު މައުލޫމާތެއް އަދި ހޯދިފައެއް ނެތެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އިން މިހާރު ދަނީ އެގައުމުގެ ހޮސްޕިޓަލަށް އެ ސެންޓަރުގެ އޮފިޝަލުން ފޮނުވައިގެން މި ބަލި ދެނެގަންނާނެ ގޮތްތައް ކިޔައިދެމުން ކަމަށް ޚަބަރު ލިބެއެވެ.

ބަލީގެ އަސްލު ދެނެގަނެވެންދެން ވޭޕް ނުކުރުމަށްވެސް އެ މަރުކަޒުން ވަނީ ގޮވާލާފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މިހާރުވެސް ދަނީ ވޭޕްކޮށްގެން މިހާ ނުރައްކާތެރި ބައްޔެއް ޖެހެމުންދަނީ ކީއްވެތޯ ބެލުމަށް ޓެސްޓުތަކެއް ހަދަމުންނެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެޔަށް ނުރައްކާތެރި ބައްޔެއް ޖެހިގެން އެމެރިކާއިން މަރުވެފައިވަނީ އުމުރުން 20 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 40 އަށްވުރެ ގިނަ ގައުމުން ވަނީ ވޭޕްކުރުން މަނާކޮށްފައެވެ.