ސަލާމަތީ ފިޔަވަޅުތައް ބަލިކަށިވެ، ފާއިތުވީ 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގައި ކުޑަކުދިންނާ ދެކޮޅަށް ހިންގަފައިވާ ޖަރީމާތަކުގެ އަދަދު 14000 އަށް ވުރެ މައްޗަށް އަރާ ކަމަށް އދ އިން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.

މި ރިޕޯޓް ބުނާ ގޮތުގައި ފާއިތުވީ 4 އަހަރު ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް އަމާޒުވި ހަމަލާ ތަކުގައި 3500 އަށް ވުރެ ގިނަ ކުދިންގެ ފުރާނަ ގެއްލިފައި ވާއިރު 9000 އަށްވުރެ ގިނަ ކުދިންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާކަމަށް އދ އިން ބުނެއެވެ.

އަފްޣާނިސްތާނުގައި 18 އަހަރަށް ދިގުލައި ގޮސްފައިވާ ހަނގުރާމާގައި ހުރިހާ ކޮޅަކުންވެސް ބަދަލު ކުރަމުން ދާ ހަމަލާތަކުގައި ކަންބޮޑުވާ ދަރަޖައަށް ބައެއްގެ ފުރާނަ ގެއްލެމުން ދާ ދިއުން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި މި ހަނގުރާމައިގެ އެންމެ ބޮޑު ތަކުލީފެއް އުފުލަމުން ދާ ބަޔަކީ އަފްޣާނިސްތާނުގެ ކުޑަކުދިން ކަންވެސް ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

2015 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު ދިން އެކި ހަމަލާތަކުގައި ފުރާނަ ގެއްލި ދިޔަ ކުދިންނާ ޒަހަމްވީ ކުދިންގެ އަދަދު 26000 ގައި އުޅޭ އިރު، މިއީ އަފްޣާނިސްތާނުގެ މަދަނީ ފަރުދުންގެ ތެރެއިން ފުރާނަ ގެއްލުނު ކަމަށް ނުވަތަ ޒަހަމްވީ ކަމަށް ރެކޯޑް ކުރެވިފައި ވާ މީހުންގެ 3 ބައިކުޅަ 1 ބައިކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

އަފްޣާނިސްތާނުގައި ކުޑަކުދިންނަށް ކުރިމަތިވެފައިވާ ނުރައްކާތައް އިތުރަށް ތަފްސީލު ކޮށްދެއްވާ ސެކްރެޓަރީ ޖެނެރަލް އާންމު ކުރެއްވި 4 ވަނަ ރިޕޯޓް ބުނާ ގޮތުގައި، މި ހަނގުރާމާގައި ކުޑަކުދިންގެ ފުރާނައަށް ނުރައްކާ ވެފައި ވަނީ ހަނގުރާމައިގައި ސީދާ ގޮތުން ބައިވެރި ވުމާއި، ހަނގުރާމާގައި އުކާފައިވާ ގޮވާތަކެތި ފަހުން ގޮވުމުގެ ހާދިސާތައް ހިނގުމުގެ އިތުރުން، ވައިގެ ހަމަލާތަކުގެ ސަބަބުންނެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވާ ގޮތުގައި އަފްޣާނިސްތާނުގައި ފުރާނަ ގެއްލި ދިޔަ ކުދިންނާ ޒަހަމްވީ ކުދިންގެ 43 ޕަސެންޓް ކުދިންގެ ޒިންމާ އުފުލަން ޖެހެނީ ހަނގުރާމަވެރި ގުރޫޕު ތަކުންނެވެ. މީގެ ތެރޭގައި ތޯލިބާނުންނާއި އައިސިސްވެސް ހިމެނޭކަން ގުޓެރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ. ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ބާރުތަކުން 30 ޕަސެންޓް ކުދިންގެ ޒިންމާ އުފުލަން ޖެހޭކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ.

ކަން މިހެން އޮތްއިރު ކުޑަކުދިން ރޭޕް ކުރުމާއި، އެކުދިންނާ މެދު ހިންގާ ޖިންސީ ނޭއްގާނީ އަމަލުތައް އެކަށީގެންވާ ގޮތެއްގައި ރިޕޯޓް ކުރެވެމުން ނުދާ ކަންވެސް އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ކުޑަ ފިރިހެން ކުދިންނަށް ކުރިމަތި ކުރަމުންދާ ޖިންސީ ގޯނާތަކުގެ ވާހަކަ އދ އިން ވަނީ ފާހަގަ ކޮށްފައެވެ.

އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ބައިނަލްއަގުވާމީ ފައުޖުތައް ގުޅިގެން އަފްޣާނިސްތާނުގައި އައިސިސްއަށް ކުރި ލިބުނަ ނުދީ ބާރު ކަނޑުވަމުން ދާއިރު، އެ ޖަމާއަތުގެ ހަމަލާތައް ސީދާ ގޮތުން އަމާޒު ކުރަމުން ދަނީ ބޮޑެތި ސިޓީތަކުގައި ދިރިއުޅެމުންދާ އާންމު ފަރުދުންނަށް ކަމަށް އދ އިން ބުނެއެވެ.