އިންޑިއާގެ ބައްޕަގެ ގޮތުގައި އެގައުމުން ސިފަކުރަމުން އަންނަ މަހާތަމާ ގާންދީ ދުނިޔޭގެ އަލިކަން ދުއްތާ 150 އަހަރު ފުރުމުގެ މަނާސަބާ އެގައުމުގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން ދަނިކޮށް، ގާންދީ އަންދާލާފައި ވާ ހަށިގަނޑުން ބާކީ ހުރި އަޅިތައް ވަގަށް ގެންގޮސްފައި ވާކަމަށް އިންޑިއާ ފުލުހުން ބުނެފިއެވެ.

ހައްދު ފަހަނައަޅާފައި ހިންދޫ އަކު، 1948 ވަނަ އަހަރު ގާންދީ މަރާލި ފަހުން އޭނާގެ އަޅިތައް ރައްކާކޮށްފައި ހުންނަނީ އިންޑިއާގެ މެމޯރިއަލް ސެންޓަރެއް ގައެވެ. މީގެ އިތުރުން އިންޑިއާގެ މިނިވަން ކަމުގެ ބާނީ ކަމަށް އެގައުމުން ސިފަކުރާ މަހާތަމާ ގާންދީގެ ފޮޓޯތަކުގެ މަތީގައި "ޣައްދާރު" ދޭހަވާ ފަދަ އިބާރާތްތަކެއް ލިޔެފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ގާންދީއަކީ ހިންދޫއެއް ނަމަވެސް، ހަރުކަށި ފިކުރުގެ ހިންދޫން ގަބޫލުކުރާ ގޮތުގައި ގާންދީއަކީ ޣައްދާރެކެވެ. އެމީހުން ދެކޮޅު ވަނީ، އިންޑިއާގެ ހިންދޫންނާއި މުސްލިމުން އެކުގައި އުޅުމަށް ގާންދީ ގެންގުޅުއްވި ސިޔާސަތު ތަކާއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.