ރުސުލްއަށް ހޭލުވުނު އިރު އޭނާ އޮތީ އެކަންޏެވެ. އޭނާގެ އާ ފިރިމީހާ އޭނާގެ ގާތަކު ނެތެވެ. ކައިވެންޏަށް އެރުވީ އެންމެ 3 ގަޑި އިރު ވަރެވެ.

މިއީ ފުރާވަރު އުމުރުގެ ދުވަސްތައް ގުނަމުންދާ ރުސުލްގެ ފުރަތަމަ ކައިވެންޏެއް ނޫނެވެ. ދެވަނަ ކައިވެންޏެއްވެސް ނޫނެވެ. އޭނާއަށް ކައިވެނި ކުރެވުނު ވަރެއް ގުނާ އަދަދު ކުރާކަށްވެސް ނޭނގެއެވެ.

މި ބިރުވެރި ދިރިއުޅުމުގެ ފެށުން އައީ އޭނާގެ މަސައްކަތު ވެށިންނެވެ. އޭނާއަށް އޭރު ފެންނަމުން ދިޔައީ އޭނާއަށް ވުރެ ދޮށީ އުމުރުގެ އަންހެން ކުދިން، ގަޔަށް ބާރު ހެދުންލައި، މޭކަޕްކޮށް ހަދައިގެން 'މީހުންގެ އިންތިޒާރުގައި' ތިބޭ މަންޒަރެވެ. މާ ގިނައިރެއް ނުވެ ދޮށީ އުމުރުގެ ފިރިހެނުން އެކުދިން ބަލާ އާދެއެވެ. ރުސުލް ބުނާ ގޮތުގައި އެއީ ވަރަށް ރީތި ކުދިންތަކެކެވެ. އަދި އެކުދިންގެ އަމިއްލަ ނަފްސު އެފަދަ ގޮތަކަށް ވިއްކާލަން ޖެހޭ ސަބަބެއް އޭރު އޭނާއަށް ނުވިސްނޭ ކަމަށްވެސް އޭނާ ބުނެއެވެ.

ހުދު ރުސުލްވެސް ހުރީ ނުރައްކާތެރި ފައްތަރެއްގައެވެ. އާއިލާއިން ހުރީ އޭނާ ބާކީ ކޮށްލާފައެވެ. އޭރު ރުސުލް ދިޔައީ އޭނާގެ ކޮއްކޮ ރުލާގެ ހުރިހާ ކަމެއް ބަލަހައްޓަމުންނެވެ.

މި ތަކުލީފުތަކުގެ ތެރެއިން ރުސުލް ވައުދެއް ވިއެވެ. އެއީ ދިރިއުޅުމަށްޓަކައި ފިރިހެނަކަށް ބަރޯސާ ނުވުމަށް އޭނާގެ އަމިއްލަ ނަފްސަށް ވީ ވައުދެކެވެ. އޭނާގެ އަތުތެރެއަށް ވެސް ފިރިހެނުން ފޯނު ނަމްބަރު ލާދެއެވެ. ނަމަވެސް އެކަމަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ.

އާދައިގެ މަތިން މަސައްކަތުގެ މާހައުލުގައި ރުސުލް ހުރި ދުވަހެކެވެ. ފިރިހެނަކު އައިސް އޭނާއާ ވާހަކަ ދައްކަމުން ދިޔައެވެ. ރުސުލްގެ މާޒީއާ ބެހޭ ގޮތުން ދެމީހުން ވާހަކަ ދެއްކިއެވެ. ސްކޫލަށް ނުގޮސް މަސައްކަތުގައި އުޅޭ ސަބަބު ކިޔައިދިނެވެ. އެމީހާގެ ފަރާތުން އަޅާލުމުގެ އިހުސާސް ރުސުލްއަށް ކުރެވުނެވެ.

އޭރު އޮތީ ދިރިއުޅުމަކީ ރުސުލްއަށް ދަތިކަމަކަށް ވެފައެވެ. އިރާގުގެ ވެރިރަށް ބަގުދާދުގައި ދިރިއުޅެމުން ދިޔަ ރުސުލްއަށް ލިބޭ މުސާރައިން ދެކޮޅު ޖެއްސުން އޮތީ ބޮޑު ތަކުލީފަކަށް ވެފައެވެ. އަމިއްލަ ނަފްސަށް ވީ ވައުދު އެއް ފަރާތް ކޮށްލަން ޖެހުނެވެ. ހުވަފެންތަކުން ފެންނަ ފަދަ ފިރިއެއް އޭނާއަށް ފެނުނު ފަދައެވެ.

ރުސުލްގެ ހިތް އަތުލުމަށް އެމީހާވެސް ކުރެވެން އޮތްހާ ކަމެއް ކުރަމުން ދިޔައެވެ. އިސާހިތަކު ރުސުލްގެ ވައުދު އުވާލައި، އެ ފިރިހެން މީހާގެ މައްޗަށް ހިތް ލަންބުވާލިއެވެ.

މަދު ހަފުތާ ކޮޅެއްގެ ތެރޭގައި އެމީހާވެސް ކައިވެންޏަށް އެދި ހުށަހެޅިއެވެ. އޭނާ ރުސުލް ގެންދިޔައީ ބަގުދާދުގެ ހާދިމިޔާއަށެވެ. ކައިވެންޏާ ބެހޭ އޮފީހަށް ރުސުލް ވަދެގެން ދިޔައިރު އުފަލުން ހިތްފޮޅެނީއެވެ.

ކައިވެނީގެ ރަސްމިއްޔާތު މާ ދިގެއް ނޫނެވެ. ގާޒީ ކިޔާލީ މަދު ބަސްކޮޅެކެވެ. އަދި 250 ޑޮލަރުގެ ރަނަކަށް ކައިވެނި ކުރުމަށް ރުސުލްވެސް އެއްބަސްވިއެވެ. އެއާއެކު އޭނާ އަތަށް ކައިވެނީގެ އެއްބަސްވުން ސޮއިކުރަން ދިނެވެ. ރުސުލްއަކަށް އެ ކިޔާކަށް ނޭނގުނެވެ. ކިޔަން އެނގުނު ނަމަވެސް، ގޯސްކޮށް ކަމެއް ހިނގައިދާނެ ކަން ފާހަގަ ނުކެރެވި އޮވެދާނެއެވެ.

ކައިވެނި ކުރުމަށް ފަހު މާ ގިނައިރުތަކެއް ނުވެ ރުސުލްގެ ފިރިމީހާ އޭނާ ގެންދިޔައީ އެތާ ކައިރީގައި ހުރި އެޕާޓްމަންޓަކަށެވެ. ކައިވެނީގެ ޖަޒުބާތީ ގުޅުމަށް އެ ފިރިހެން މީހާ ހުރީ ކެތް މަދުވެފައެވެ. ހިތް ނުތަނަވެސްވެފައި ހުއްޓެއް ކަމަކު ރުސުލް ދިޔައީ ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އޭނާއާއި ރުލާއަށް ގެއެއްގައި ދިރިއުޅެވޭނެ ކަމުގެ އުފާވެރި މަންޒަރު ތަކަށް ރުސުލްގެ ހިތް ކެތްމަދު ވަމުން ދިޔައެވެ. އެޕާޓްމަންޓްގައި ހުރި ކޮޓަރިއެއްގެ ތެރެއަށް ވަދެ ރުސުލްގެ ފިރިމީހާ އެ ކޮޓަރީގެ ދޮރު ލެއްޕިއެވެ. ރުސުލް އޭރުވެސް ދިޔައީ ދެމީހުން އެކުގައި މުޅި އުމުރު ހޭދަކުރުމަށް އެދެމުންނެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްތައް ހީވީ އޭނާގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވީ ހެނެވެ. އެތައް ބުރައަކާ ތަކުލީފެއް އޭނާގެ ކޮނޑުން ނެއްޓިގެން ދިއުމުގެ ހިތްހަމަޖެހުން ރުސުލްއަށް ލިބުނެވެ. ދިރިއުޅުމަށް ބޭނުންވާ ހުރިހާ ކަމެއް އަމިއްލައަށް ހަމަޖައްސާކަށް ރުސުލްއަކަށް ނުޖެހެއެވެ.

ކައިވެންޏަށް މަދު ހަފުތާ ކޮޅެއް ވީ ތަނާ ފިރިމީހާ ގެއްލިއްޖެއެވެ. ކައިވެނީގެ ހަގީގީ ރަހަ ތަޖުރިބާ ކުރުމުގެ ކުރިން އެ ކައިވެނީގައި ސިއްކަ ޖެހެން އޮތްކަމެއް ރުސުލް އަކަށް ކުޑަކޮށްވެސް ވިސްނާ ލެވިފައެއް ނެތެވެ. އޭނާގެ ފިރިމީހާ "ހަލާލު" ގޮތުގައި އެދުންތަކެއް ފުރިހަމަ ކޮށްލީ ކަމުގެ ކުޑަ ނަމަވެސް ޝައްކެއް ރުސުލްއަށް އޭރު ކުރެވިފައެއް ނެތެވެ.

މިފަދަ ކައިވެނިތަކަކީ ޝީއީން ކޮށް އުޅޭ ޒާތުގެ ކައިވެނި ތަކަކެވެ. އިރާގުގައި އަދިވެސް މިކަން ހިނގާކަމަށް ބުނެއެވެ.

މިކަމައިގެން ރުސުލް ދިޔައީ ކައިވެނި ކޮށްދިން ގާޒީ ގާތަށެވެ. އޭނާވެސް ރުސުލް އަކަށް ހައްލެއް ހޯދައި ނުދިނެވެ. ދިރިއުޅުމުގެ ކަންކަން ފަރުޖައްސަން އެދޭނަމަ އެފަދަ އިތުރު ކައިވެނިތަކެއް ކުރުން ނޫން ގޮތެއް ނެތުނެވެ. އޭނާގެ ބިކުރު ކެނޑިފައި ވުމުން މިއީ ކުރަން މާ ފަސޭހަ ކަމަކަށް ނުވާނެކަން ހުދު ރުސުލްއަށްވެސް އެނގެއެވެ. އެކަމުގައި ރުސުލްއަށް "އެހީތެރިވެދެނީ" އެބުނާ ގާޒީއެއް ކަމަށް ވެއެވެ.

ރުސުލް ބުނާ ގޮތުގައި މި ގޮތަށް އޭނާ ކުރާ ކައިވެނި ތަކުގެ މުއްދަތު ހުންނަނީ މަދު ގަޑިއިރު ކޮޅަކަށެވެ. ނުވަތަ ހަފުތާ ކޮޅަކަށެވެ.

ރުސުލް ބުނާ ގޮތުގައި މި ފަދަ 'ކައިވެނި' ތަކުން އޭނާ ބަލިވެ ނުއިންނާނެ ކަން ކަށަވަރު ކުރުމަށް އިންޖެކްޝަން ފޯރުކޮށްދެނީވެސް ގާޒީއެވެ. ރުސުލް ބުނާ ގޮތުގައި މިއީ ފުޅާދާއިރާއެއްގައި ހިންގަމުން ދާ އަމަލެކެވެ. އަދި އޭނާ ފަދަ ކިތަންމެ އަންހެން ކުދިންނެއް އުޅޭކަމަށްވެސް ރުސުލް ބުނެއެވެ.

މިއީ ޅަ އަންހެން ކުދިންނަށް އިރާގުގައި ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ބުނެ ބީބީސީއިން ހިންގި ޖާސޫސީ ތަހުގީގުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ރިޕޯޓެކެވެ.