ބަންގްލަދޭޝްގެ ރައްޔިތުންނަކީ އެބައި މީހުންނަށް ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ފުރުސަތުތަކަށް ބަދަލުކުރަން ދަންނަ ބައެއްކަމަށާ، އިންޑިއާގެ ވިޔަފާރިތަކުން ބަންގްލަދޭޝްގައި އިންވެސްޓްކުރާ މިންވަރު އިތުރުކުރަންޖެހޭ ކަމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ ވިދާޅުވެއްޖެއެވެ.

ވާލްޑް އިކޮނޮމިކް ފޯރަމްގެ ދަންފަޅިއެއްގައި ވާހަކަފުޅު ދައްކަވަމުން ހަސީނާ ވިދާޅުވީ، މިއީ ތައުލީމީ ރޮނގުންނާ އިންޖިނޭރުކަމުގެ ރޮނގާ މަސްނޫއީ ތޫނުފިލިކަން (އޭއައި)ގެ ރޮނގުން ބައިނަލްއަގުވާމީ ބައިވެރިން، ވަކުން ހާއްސަކޮށް އިންޑިއާގެ އިންވެސްޓަރުން ބަންގްލަދޭޝްއަށް މިސްރާބުޖަހަންވީ ވަގުތު ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ހަސީނާ ވަނީ މިއަހަރަކީ ބަންގްލަދޭޝްގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި، ހަލުވި މިނެއްގައި ކުރިއަރާ ދިޔަ އަހަރެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މިއަހަރު 8.13 ޕަސެންޓް ކުރިއަށް ޖެހިލާފައިވާކަމަށް ހަސީނާ ވިދާޅުވިއެވެ.

ހަސީނާ މިހާރު ގެންދަވަނީ ބޮޑު ވަޒީރު ނަރޭންދްރާ މޯދީގެ ދައުވަތަކަށް، އިންޑިއާއަށް 4 ދުވަހުގެ ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. މިއަދުގެ ނިޔަލަށް ކުރިއަށްދާ ވާލްޑް އިކޮނޮމިކް ފޯރަމްގައި ހަސީނާ ބައިވެރިވެވަޑައިގަންނަވާނީ ޝަރަފުވެރި މެހެމާނާގެ ހައިސިއްޔަތުންނެވެ. ހަސީނާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޯދީގެ އިތުރުން އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދާ ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ. މޯދީއާއިއެކު ކުރިއަށް ގެންދަވާ މަޝްވަރާތަކުގައި ރޯހިންޏާ މައްސަލައަށްވެސް އަލިއަޅުވާލެވިގެންދާނެ ކަމަށް ބެލެވެއެވެ.