އެމެރިކާގެ ރިޔާސަތުން ޑޮނާލްޑް ޓްރަމްޕް އަޒުލުކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ މެންބަރުންނަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ފިންލަންޑްގެ ރައީސް ސޯލީ ނިނީސްޓޯއާއިއެކު ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ އިދިކޮޅު ސިޔާސީ ވާދަވެރިޔާ ޖޯ ބައިޑަންއާއި އޭނާގެ ދަރިކަލުން ހަންޓާ ބައިޑަންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެ ދެބަފައިކަލުންނަކީ ކޮރަޕްޓްވެފައިވާ ބައެއް ކަމަށް ސިފަކުރައްވަމުން ޓްރަމްޕްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޖާސޫސީ ކޮމިޓީގެ އިސްވެރިޔާ އެޑަމް ޝިފްއަށްވެސް ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން ގައްދާރެއްގެ ނަޒަރުން ޝިފްއާއި ދެކޮޅަށް ބެލެހެންޖެހޭ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ޓްރަމްޕްއާއި ދެކޮޅަށް ބޮޑެތި އިލްޒާމްތަކެއް ފެންމަތިކުރި މީހާގެ ބަޔާން ލިޔެ ދިނުމުގައިވެސް އެޑަމް ޝިފްގެ ދައުރެއް ވާކަމަށް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު 2020އަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ/ފޮޓޯ: ކޭއެފްޑީއެކްސް

ޓްރަމްޕްއާއި ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް އާންމުކޮށް ސިއްރު މައުލޫމާތު އާންމުކުރި ފަރާތުން ހިންގާފައިވަނީ ޣައިރު ގާނޫނީ އަމަލެއް ކަން ސިފަކުރައްވާ ޓްރަމްޕް ވަނީ އެ ފަދަ ފަރާތަކަށް ގާނޫނީ ހިމާޔަތެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކާކުކަން ހޯދެން ޖެހޭނެ ކަމަށާ އެމީހަކީ ޖާސޫސުކޮށް ފާރަލާދޭ މީހެއްކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތުކުރައްވާފައެވެ.

ޓްރަމްޕް އަޒުލުކުރަނީ ކީއްވެ؟

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު ޑިމޮކްރަޓިކް މެންބަރުން އިސްނަންގަވައިގެން ވެރިކަމުން ޓްރަމްޕް އަޒުލުކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ، ޖޯ ބައިޑަންގެ ދެބަފައިންނާ ދެކޮޅަށް ތަހުގީގެއް ހިންގެވިކަމަށް ބުނާ މައްސަލައެއްގައެވެ. މި ތަހުގީގުތަކުން ބައިޑަންގެ ދެބަފައިންނާ ދެކޮޅަށް ނޭދެވޭ އެއްވެސް ހެއްކެއް ލިބިފައެއް ނުވެއެވެ.

ޓްރަމްޕް މިކަން ކުރައްވާފައިވަނީ ޔޫކްރައިންގެ ރައީސްގެ އެއްބާރުލެއްވުމާ އެކުގައި ކަމަށް ބުނެ މަސްދަރަކުން މައުލޫމާތު އާންމުކޮށްފައިވާއިރު، މިއީ 2020 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ޒާތީ ފައިދާއަށްޓަކައި ބޭރުގެ ނުފޫޒެއް ބައިވެރިކުރެއްވުމަށް ޓްރަމްޕް ހިންގެވި އަމަލެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު 2020އަށް ރަސްމީކޮށް ކެމްޕެއިން ފައްޓަވާފަ/ފޮޓޯ: އައުޓްސައިޑް ދަ ބެލްޓްވޭ

އެމެރިކާގެ ތާރީހަށް ބަލާއިރު ވެރިކަމުގައި ހުންނަވަނިކޮށް އަޒުލުކުރެވިފައިވަނީ 2 ރައީސްއެކެވެ. އެއީ ބިލް ކްލިންޓަންއާއި އެންޑްރޫ ޖޯންސަންއެވެ. ނަމަވެސް ވެރިކަން ހިންގެވުމުގެ ބާރެއް މި ބޭފުޅުންގެ އަތުން ނަންގަވާފައި ނުވާއިރު، ދައުވާއެއްވެސް އުފުލާފައެއް ނުވެއެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ނިކްސަންވަނީ، ގާނޫނު ހަދާ މަޖިލީހުން އަޒުލުކުރުމުގެ ކުރިން އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވާފައެވެ.