ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން ދިޔަ މައްސަލާގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނީ ލަންކާގައެވެ. އަދި އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ވަދެފައިވަނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ އަނބުރަ ރާއްޖެ ގެނެސް ޖަލުގަިއ ބަންދުކޮށްފައި ވަނީ އޭނާ އަމިއްލައަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ދިޔަތާ 2 މަހަށް ވުރެ ގިނަ ދުވަސް ވީފަހިން މިދިޔަ ޖުލައި މަހު 9 ވަނަ ދުވަހެވެ.

ލުތުފީ ފިލައިގެން ދިޔަ މައްސަލާގައި ދައުވާ ނުކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިއްލަވައިގެން ވަޑައިގެންނެވި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމުން، ބައެއް ފަރާތްތަކުން ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އަދީބު ފިއްލަވައިގެން ވަޑައިގެންނެވި މައްސަލާގައި ދައުވާ ކުރުން އަވަސް ވެފައިވަނީ އޭނާ ފިއްލެވި ކަމަށް އިއުތިރާފުވެ، އެކަމުގައި އެހޭތެރިވި މީހުން ވެސް އިއުތިރާފްވެފައިވާތީ ކަމަށެވެ.

ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު، ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވިއެވެ. އެ މައްސަލާގައި ލުތުފީގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމެއް ކޮށްފައެވެ. ނަމަވެސް އެ ހުކުމް ފަހުން 25 އަހަރުގެ ޖަލު ހުކުމަކަށް ވަނީ ބަދަލުކޮށްފައެވެ.