ނޫސްވެރިޔަކު ލިޔާ ލިޔުމަކީ ޓެރަރިޒަމްގެ ކުށަކަށް ވާނެ ގޮތް އައިސްދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލލުވުމުގައި 'ދަ ޕްރެސް'އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، ނޫސްވެރިޔަކު ލިޔާ ލިޔުމަކީ ޓެރަރިޒަމްގެ ކުށަކަށް ވާނެ ގޮތް އައިސްދާނެ ކަމަށެވެ. އެގޮތުން، ވަރަށް ސާފުކޮށް ޓެރަރިޒަމަށް ހިތްވަރުދީ އެކަން ޕްރޮމޯޓް ކުރުމަށް ލިޔާ ލިއުމެއްގެ ސަބަބުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނަ ކަމަށެވެ. އިމްރާން ވިދާޅުވީ، ނޫސްވެރިޔަކު އައިސިސް ޕްރޮމޯޓް ކުރުމުގެ ގޮތުން ލިޔުމެއް ލިޔެފިއްޔާ، އެއޮތީ ޓެރަރިޒަމް ގާނޫނުގެ އޮނިގަނޑުގެ ތެރެއަށް ވަނދެވިފައި ކަމަށެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ، ސީދާ ޓެރަރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ނޫން ގޮތެއްގައި ނޫސްވެރިއަކު ހިޔާލެއް ނުވަތަ ޝުއޫރެއް ފާޅުކޮށްގެން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ނޫސްވެރިއަކާއި މެދު ފިޔަވަޅު އަޅައިފިނަމަ، އެކަން ބަލާނެ މުއައްސަސާތައް އެބަހުރި ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.