ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާ ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ލިއްބައިދިން މާއްދާ 370، އިންޑިއާގެ ގާނޫނު އަސާސީއިން އުނިކުރުމާ ދިމާކޮށް މީގެ ދެމަހެއްހާ ދުވަސްކުރިން ގޭ ބަންދު ކުރެވުނު ޖައްމުގެ ސިޔާސީ ލީޑަރުން މިނިވަންކޮށްފިއެވެ.

އިންޑިއާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޖައްމުގެ ސިޔާސީ ލީޑަރުން މިނިވަން ކުރެވުނު ނަމަވެސް، ކަޝްމީރު ވާދީގެ ސިޔާސީ ލީޑަރުން އަދިވެސް ތިބީ ބަންދުގައި ކަމަށް ހަބަރު ލިބެއެވެ.

ޖައްމުއާއި ކަޝްމީރަށް ލިބިފައި އޮތް ސްޓޭޓެއްގެ ދަރަޖަ ބާތިލުކޮށް، ޔޫނިއަން ޓެރިޓަރީތަކަކަށް އެ ސަރަހައްދު ބައިކޮށްފައިވާއިރު، މި ސަރަހައްދަށް އިންޑިއާގެ ގާނޫނު އަސާސީގެ ބާރު އެންމެ ފުރިހަމައަށް ހިނގާނެއެވެ. ކަންމިހެން އޮތްއިރު، އިންޑިއާގެ ޕަބްލިކް ސޭފްޓީ އެކްޓް ބުނާ ގޮތުގައި ޝަރިޔަތަކާ ނުލާ ބަންދުގައި މީހަކު ބެހެއްޓޭނެ މުއްދަތަކީ ތިން މަސްދުވަހާއި ހަ ދުވަހާ ދެމެދުގެ މުއްދަތެކެވެ.

ކަޝްމީރު ވާދީއަށް ބަލާއިރު އެސަރަހައްދުގައި އަދިވެސް ދަނީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަމުންނެވެ. މުއާސަލާތީ ހިދުމަތްތައްވެސް މުޅިންހެން މެދުކަނޑާލާފައިވާތާ 57 ދުވަސްވެއްޖެއެވެ. މިސަރަހައްދުގައި އިންޓަނެޓްގެ ހިދުމަތްވެސް ނުލިބޭކަމަށް ހަބަރުތައް ވަނީ ފެތުރިފައެވެ.