މާލޭގައި މިހާތަނަށް ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގައި ސިފައިން ކުރެއްވި ބުރަ މަސައްކަތާއި ހިތްވަރަށް ސާބަސް ދެއްވައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ޝުކުރު ދަންނަވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދްދީދީ ސިފައިންނާއި މުހާތަބްކުރައްވައި ވިދާޅުވީ، ކޮންމެ ފަދަ ހާލަތެއްގައި ވެސް ސިފައިންނަކީ އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމުގައި ފަސްނުޖެހި ބުރަކޮށް މަސައްކަތް ކުރައްވާ ބޭފުޅުންކަމަށާއި، ސިފައިންނަށް އޭގެ ތައުރީފް ހައްގުވެގެންވާ ކަމަށެވެ.

"ރޭގަނޑެއް ދުވާލެއް ނޯވޭ. ހާލުގަ ޖެހޭ ކޮންމެ ފަހަރަކު ގުޅަންޖެހޭ އިމަޖެންސީ ނަންބަރަށް ގުޅާލީމާ އެ ކަނޑުމަތީގަ އެއްޗެއް ފެތެމުންދިޔަޔަސް ނުވަތަ ފަރަށް އަރާފަ އޮތަސް. ނުވަތަ ސަރަހައްދުން ބޭރުން މަސްދޯންޏެއް ގެއްލިގެން އުޅުނަސް، ރައްޔިތުން ބަލިވެ ކުއްލިގޮތަކައް މާލެއަށް ގެންނަށް ޖެހުނަސް. ދުވާލެއް ރޭގަޑޭއް ގަދަޔެއް ވިއްސާރައެއް އައްވެ ހޫނެއް ނުބަލާ ތިބޭފުޅުން މަސައްކަތް ކުރައްވަމުންދާތަން މިހާރު ވަރަށް ގާތުން ފެންނަމުން މިދަނީ"
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

މާރިޔާ އިތުރަށް ވިދާޅުވީ، މާލޭގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ސިފައިން ކުރެއްވި މަސައްކަތަކީ ދުނިޔޭގެ ފެންވަރުގައި ބަލާލިއަސް އަތްސަރިބަހާ ސާބަސް ދޭންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން ތިބޭފުޅުންނަށް ކޮމާންޑް ދޭން ނޭގުނަސް ރައްޔިތުމީގާތުގަ ހަމަގައިމުވެސްހާއެކު އެތާ ހުއްޓިލާ ހުންނާނަން. އެހުރި މަދު ވަސީލަތާއެކުގަ މި ހަނި މަގުތަކުގަ އެތަނަށް އެންމެ 6 މިނަޓް ތެރޭގަ ވަޑައިގެން ތިބޭފުޅުން އެކުރެއްވި މަސައްކަތަކީ ދުނިޔޭގެ ފެންވަރަށްވެސް ބަލާނަމަ އަތްސަރިބަހާ ސާބަސް ދޭންޖެހޭ ވަރުގެ ކަމެކޭ. ތިބޭފުޅުންގެ ކޮމާންޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައި ހުރި ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑު ދިވެހި ސިފައިންނާއި އަދި އެންޓީއޭއެމްގެ ބޭފުޅުންނަށްވެސް ދަންނަވާނި ވަރަށް ބޮޑަށް ޝުކުރިއްޔާއޭ. " ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސްވެރިންނާއި ސިފައިންގެ އޮފިސަރުންނާއި އެކި ރޭންކްތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ.