ނޮން-ޑެއިރީ ކިރުގެ އުފެއްދުން ނުވަތަ ނާމްސޫފިން ނޫން ގޮތްގޮތަށް ނަގާ ކިރަކީ، 5 އަހަރުން ދަށުގެ ކުދިންނަށް ދިނުން އެކަށީގެންވާ ކިރުގެ އުފެއްދުމެއް ނޫންކަމަށް ސައިންސްވެރިން ބުނެފިއެވެ.

5 އަހަރުން ދަށޫގެ ކުދިންނަށް ކާންދިނުމާ ބެހޭ އާ ގައިޑްލައިނެއް އާންމުކޮށްފައިވާއިރު މި ގައިޑްލައިން ބުނާގޮތުގައި، އާމަންޑްއާއި ސޯއީ އަދި ހަނޑުލާ އޯޓްސްއިން ނަގާ ކިރަކީ ކުޑަކުދިންނަށް އެކަށީގެންވާ ކިރެއް ނޫނެވެ.

ޒަމަނާއެކު އަންނަމުންދާ ބަދަލުތަކުގެ ތެރެއިން، ސޯއީ ނަގާ ކިރަކީ ދުޅަހެޔޮ ކިރެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮތްނަމަވެސް މިއީ 5 އަހަރުން ދަށުގެ ކުދިންނަށް އެކަށީގެންވާ ކިރެއް ނޫންކަން މި ގައިޑްލައިން އެކުލަވާލި ސައިންސްވެރިންގެ ޓީމުން ފާހަގަކުރެއެވެ.

މި ދިރާސާ ބުނާ ގޮތުގައި 5 އަހަރުން ދަށުގެ ކުދިންނަށް ދިނުން އެންމެ ރަނގަޅު ބުއިމަކީ ނާމްސޫފިން ނަގާ ކިރާ ފެނެވެ. އެނޫން އިތުރު ބުއިންތަކުން އެކުދިން ދުރުކުރަންޖެހެއެވެ. ވަކިން ހާއްސަކޮށް ގިނަ އަދަކަށް ހަކުރާ އެނޫންވެސް އެފަދަ މާއްދާތައް އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ޖޫސްތަކާ ބުއިންތަކުން ކުދިން ދުރުކުރަންޖެހެއެވެ. މިފަދަ ބުއިންތަކަކީ ހެދިބޮޑުވަމުން އަންނަ ކުދިންގެ ދުޅަހެޔޮ ސިއްހަތު ނުރައްކަލުގެ ތެރެއަށް ވައްޓާލާ ބުއިންތަކެކެވެ.

ނުކާން ބޮޑާ ހާކާ ކުއްޖެއް/ފޮޓޯ: މަމްސްޕްރެސޯ

ނޮން-ޑެއިރީ ކިރު ދިނުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު މިނަރަލްތަކާ ކެލްސިއަމްގެ މާއްދާތައް އުނިވެއެވެ. ހަމަ މިއާއެކު ހަމައެކަނި ފޯމިއުލާ ކިރަށް ބަރޯސާ ނުވުމަށްވެސް ތަޖުރިބާކާރުން ލަފާދެއެވެ. އެހެނީ، އުމުރާއެކު ބަދަލުވަމުންދާ ފޯމިއުލާއަކީ ކޮންމެވެސް ވަރަކަށް ހަކުރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ އުފެއްދުމަކަށްވާކަމެވެ.

ކޮންމެހެންވެސް ކުއްޖަކަށް ޖޫސް ދޭން މަޖުބޫރުވެއްޖެ ހިނދެއްގައި، ދުވާލަކު އެއް ތަށި ޖޫހަށްވުރެ މަދުން ޖޫސް ދިނުން އެދެވިގެންވާކަމަށާ، ރަނގަޅީ ވީ އެންމެ މަދެއްކޮށް ދިނުން ކަމަށްވެސް މި ދިރާސާގައި ވެއެވެ.

މި ޒަމާނަކީ އާދަޔާ ހިލާފަށް ފަލަވުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވަމުން އަންނަ ދުވަސްވަރަކަށް ވާއިރު، އެންމެ ތުއްތު އުމުރުއްސުރެ ފެށިގެން ދުޅަހެޔޮ ކާނާ ތައާރަފުކޮށް އެގޮތުގައި ދަރިން ގެންގުޅުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

ހެލްދީ އީޓީންގް ރިސާޗްއިން އާންމުކޮށްފައިވާ މި ދިރާސާ އެކުލަވާލާފައިވަނީ އެމެރިކަން ހާޓް އެސޯސިއޭޝަންއާއި ޕީޑިއަޓްރިކް ޑެންޓިސްޓްރީ އަދި އެކަޑަމީ އޮފް ނިއުޓްރިޝަން އެންޑް ޑައެޓިކްސް ގުޅިގެންނެވެ.