އިންޑިއާގެ ވެސްޓް ބެންގޯލް ސަރަހައްދުގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގައުމުން ބޭރުކުރައްވާނެ ކަމަށް އިންޑިއާގެ ދާހިލީ ވަޒީރު އަމީތު ޝާހް ވައުދުވެވަޑައިގެންފިއެވެ.

ކަލްކަޓާގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން އަމީތު ޝާހް ވިދާޅުވީ، އިންޑިއާގެ އިރު އުތުރު އައްސާމް ސްޓޭޓްގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދިޔަ ބިދޭސީން އެ ސްޓޭޓުން ބޭރުކުރުމަށް އިންޑިއާގެ ސަރުކާރުން ބޭނުންކުރި ފަދަ ސިޔާސަތެއް ވެސްޓް ބެންގޯލް ސަރަހައްދުގައިވެސް ބޭނުންކުރާނެ ކަމަށެވެ.

އިންޑިއާއިން ދަނީ ގައުމީ ރަށްވެހިންގެ ދަފްތަރު (އެން.އާރް.ސީ)ގެ ނަމުގައި، އިންޑިއާގެ "އަސްލު" ވަޒަންވެރިންގެ ލިސްޓެއް އެކުލަވާލަމުންނެވެ. މި ލިސްޓުގައި ހިމެނެނީ 1971 ވަނަ އަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހުގެ ކުރިން އިންޑިއާގައި ވަޒަންވެރިވެފައިވާ މީހުންނާ އެމީހުންގެ އާއިލާތަކުން އުފަންވި މީހުންނެވެ. މި ދުވަހަކީ އިންޑިއާގެ ޒަމާންވީ އަދުވުކަމުގައިވާ ޕާކިސްތާނުގެ އަތްދަށުން، އަވަށްތެރި ބަންގްލަދޭޝް މިނިވަންކަން ހޯދާ، ވަކި ގައުމެއް އުފެއްދި ދުވަހުގެ އެއް ދުވަސްކުރީގެ ތާރީހެކެވެ. އައްސާމް ސްޓޭޓްގައި އެން.އާރް.ސީ ތައާރަފުކުރީ އެ ސްޓޭޓްގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދިޔަ ބަންގްލަދޭޝްގެ މީހުން ހޯދުމަށެވެ.

ވެސްޓް ބެންގޯލް ސްޓޭޓްގައި އެން.އާރް.ސީ ތައާރަފުކުރުމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ދެކޮޅު ހެއްދެވިކަމުގައި ވީ ނަމަވެސް، އިންޑިއާގައި ގަވައިދާ ހިލާފަށް އުޅޭ މީހުން ނިކުމެގެންދާންވީ ދޮރޯށި ދައްކަވާނެ ކަމަށް އަމީތު ޝާހް ވަނީ ވިދާޅުވެފައެވެ. ވެސްޓް ބެންގޯލްއަކީ ބަންގްލަދޭޝްއާއި 2000 ކިލޯމީޓަރުގެ ބޯޑަރެއް، ބަންގްލަދޭޝްއާއި ހިއްސާކުރާ ސްޓޭޓެކެވެ.

އެން.އާރް.ސީ ތައާރަފުކުރުމާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަމުންދަނީ، މިއީ އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުންގެ ރަށްވެހިކަން ބާތިލުކުރުމަށް އިންޑިއާގެ ސަރުކާރުން ގެންގުޅޭ ސިއްރު ސިޔާސަތެއް ކަމަށެވެ.