ކިޑްނީ ފެއިލްވެފައިވާ މީހުންގެ ތެރެއިން މީހަކަށް އެހީތެރިވުމުގެ ގޮތުން އަމިއްލަ ކިޑްނީ ހަދިޔާ ކުރަން ބޭނުންވެގެން ދިވެހި ޒުވާނަކު މިއަދު ސޯޝަލް މީޑިއާގައި އިއުލާންކޮށްފި އެވެ.

އުމުރުން 33 އަހަރުގެ އަހުމަދު ފިރާޒަކީ އައްޑޫ ސިޓީ ހުޅުދޫއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މި ދުނިޔޭގައި އެއްވެސް އެދުމެއް ނެތި އިންސާނިއްޔަތައްޓަކައި ކިޑްނީ ބޭނުންވެފައިވާ މީހަކަށް ﷲގެ ހަޒްރަތުން ދަރުމައާއި ސަވާބަށް އެދި އޭނާގެ އެއް ކިޑްނީ ހަދިޔާ ކޮށްފާނަން ކަމަށެވެ.

"މިކަން ކުރަން ނިންމީ ކޮންމެ ދުވަހަކު ކިޑްނީއަށް އެދި އެކި މީހުން އާދޭސް ކުރާތަން ފެނުނީމަ ހިތަށް ކެތް ނުވެގެން،" މީގެކުރިން ރިސޯޓެއްގައި މަސައްކަތް ކޮށްފައިވާ ފިރާޒު ބުންޏެވެ.

ފިރާޒު "ދަޕްރެސް"އާ ވާހަކަދައްކަމުން ބުނީ ކިޑްނީ ހަދިޔާ ކުރަން ނިންމީ އެއްވެސް އެއްޗެއް ބޭނުންވެގެން ނޫން ކަމަށެވެ. އަދި ކިޑްނީ ބޭނުންވެގެން އޭނާއަށް ގުޅާ އެއްވެސް މީހެއްގެ ގާތުގައި ކިޑްނީގެ ބަދަލުގައި އެއްވެސް އެއްޗެއް ހޯދަން ނުވެސް ބުނާނެ ކަމަށެވެ.

"އަޅުގަނޑުގެ ނެތް ދުނިޔެވީ އެއްވެސް އެދުމެއް. ކިޑްނީ ހަދިޔާ ކޮށްފަ އެއްވެސް އެއްޗެއް ދޭކަށް ނުވެސް ބުނާނަން. މިކަން އަޅުގަނޑު މިކުރަނީ މާތްﷲގެ ދަރުމައަށް އެދި އެކަނި،" ފިރާޒު ބުންޏެވެ.

ފިރާޒު ބުނީ ފޭސްބުކްގައި އޭނާ އެކަން އިއުލާނުކުރިތާ ގަޑިއެއްހާއިރު ނުވަނީސް ފޯނު ކޯލުތައް ލިބެން ފެށި ކަމަށެވެ. އަދި އެކަމަށް [ކިޑްނީއަކަށް އެދި] މީހުން އާދޭސް ކުރަމުންދިޔަ ކަމަށެވެ.

"ވަރަށްގިނަ މީހުން އެބަގުޅާ. ހުރިހާ އެންމެންވެސް ހަމަ އާދޭސް ކުރަނީ. އާދޭސް ނުކުރަން އަޅުގަނޑު އެދެން. އިރާދަކުރެއްވިއްޔާ ކްރޮސް މެޗު ދިމާވާ މީހަކަށް އަޅުގަނޑުގެ ކިޑްނީ ހަދިޔާ ކުރާނަން،" ފިރާޒު ބުންޏެވެ.

ކިޑްނީ ހަދިޔާ ކުރަން ނިންމީ އެކަމުގެ އިލްމު ހޯދައިގެން ކަމަށް ފިރާޒު ބުންޏެވެ. އޭނާ ބުނީ އެއް ކިޑްނީ ހަދިޔާ ކޮށްގެން ނުރައްކަލެއް ނުވާނެ ކަމަށެވެ. އަދި އޭނާގެ އެ ނިންމުމަށް އާއިލާއިން ދެކޮޅު ނުހަދާ ކަމަށް ވެސް ފިރާޒު ބުންޏެވެ.

ފިރާޒް ބުނިގޮތުގައި އޭނާ ކިޑްނީ ހަދިޔާ ކުރަން ނިންމީ އެކަމުގެ މައުލޫމާތު ހޯދައި ބެލުމަށް ފަހު އެއީ އެއްވެސް ނުރައްކަލެއް އޮތް ކަމެއް ނޫންކަން ޔަގީން ކުރުމަށް ފަހު އެވެ. އޭނާގެ އާއިލާ އިން ވެސް އެކަމާ ދެކޮޅު ނުހަދާ ކަމަށް ފިރާޒް ބުންޏެވެ.

ރާއްޖެއަކީ ކިޑްނީ ފެއިލްވެފައިވާ ގިނަ މީހުން ހުރި ގައުމެކެވެ. ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާގައި ކިޑްނީއަކަށް އެދި ނުވަތަ ކިޑްނީއެއް ހޯދުމަށް ފައިސާގެ އެހީއެއް އެދި އެތައް ބަޔަކު އަންނަނީ އާދޭސް ކުރަމުންނެވެ.