ކިތަންމެ އަގު ބޯޑު ދޮންނަ ކުނޑިއެއް ނޫނީ ލިކުއިޑެއް ގަނެގެން ކިތަންމެ އިރެއް ވަންދެން ދޮވުނަސް ދާ ނުފިލައި އުޅެންޖެހޭ ފަހަރު އާދެއެވެ. އަންނައުނުން ދާ ނުފިލާ އުޅެނިކޮށް ކުލަވެއްޓި، ދެމަސްކުރިން ގަތް ގަމީހެކޭ 4 އަހަރުވަންދެން ލާ ބާ ކޮށްފައި އޮތް ގަމީހެކޭ ވަކިނުކުރެވޭ ދަރަޖައަށް ފޭރާން ހަލާކުވަނީވެސް މަދެއް ކޮށެއް ނޫނެވެ. މިކަން މިހެން ދިމާވަނީ، އެންމެ ރަނގަޅު ނުވަތަ އެންމެ އެކަށީގެންވާ ދޮންނަ ކުނޑި/ލިކުއިޑް ނުވަތަ ޑިޓާޖަންޓެއް ބޭނުން ނުކުރެވޭތީއެވެ. ނަމަވެސް އެއީ ހޯދަން މާ އުނދަގޫ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް ޖީބަށްވެސް މާ ބަރެއް ނުވާނެއެވެ.
ރަނގަޅު ޑިޓާޖަންޓެއް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ފުރަތަމަވެސް ވިސްނަންވީ ކަމަކީ ދޮންނަ މެޝިނާ ޑިޓާޖަންޓާ ދެމެދު ހީނުކުރާ ވަރުގެ ގުޅުމެއް އޮންނަ ކަމެވެ. ބޭނުންކުރަނީ އެންމެ ޒަމާނީ ފެންވަރުގެ މެޝިނަކަށްވީ ނަމަވެސް، ބޭނުންކުރާ ޑިޓާޖަންޓަކީ ކާބަފައި ޒަމާނުއްސުރެ ބޭނުންކުރަމުން އައި ޑިޓާޖަންޓް ކަމަށް ވަނީ ނަމަ އިތުރަށް ފޮނުހެދި، އަންނައުނުގައި މަޑު ނުވަތަ އެނޫންވެސް އެފަދަ ހަޑިއެއްޗެއް ހޭކޭ ގޮތްވާނެއެވެ. އެހެންކަމުން، މި ބަލާލަނީ ލާ އަންނައުންނާ، ގެންގުޅޭ ދޮންނަ މެޝިނަށް އެންމެ ކަމުދާނެ ޑިޓާޖަންޓެއް ހޯދާނެ ބައެއް ޓިޕްތަކަށެވެ.
ދިޔާ ޑިޓާޖަންޓް
ކާއެއްޗިހި ހޭކިހެންނާ، ގިރިހާ އެކި ޒާތުގެ ތެޔޮ ހޭކި ހަޑިވެފައި ހުންނަ ހެދުން ދޮވުމަށް އެންމެ ރަނގަޅީ ދިޔާ ޑިޓާޖަންޓެވެ. މިއީ ދިޔާކޮށް ހުންނަ މާއްދާއެއްކަން މި ފަދަ ލައްތައް ފިލުވާލުމަށް ފަސޭހަވެއެވެ. އާއިލާގެ މެމްބަރުންނަކީ ކާއިރު ގަޔަށް އަޅައިގެން ނޫނީ ނުކެވޭ ބައެއް ނަމަ އެ ގެއަކަށް އެންމެ ރަނގަޅުވާނީ ދިޔާ ޑިޓާޖަންޓެއް ހޯދިއްޔާއެވެ. ދިޔާ ޑިޓާޖަންޓް އަޅައިގެން މެޝިނުން ދޮންނައިރު ފެނުގެ ފިނިހޫނު މިނަށްވެސް ބަލަންވާނެއެވެ. ފިނިކޮށް ހުންނަ ފެނުގައި ނުވަތަ ކޯލްޑް ސެޓިންގްގައި ދޮންނަ ނަމަ ލިކުއިޑް ޑިޓާޖަންޓް ހިޔާރުކުރުން ބުއްދިވެރިއެވެ. އެހެނީ ކުނޑި ނުވަތަ ޕައުޑަރު ޑިޓާޖަންޓަކީ ފިނިފެނަށް މާ ފަސޭހައިން ގިރޭ ބާވަތަކަށް ނުވާކަމެވެ.
ކުނޑި/ޕައުޑާ ޑިޓާޖަންޓް
ބައިވަރު އަންނައުނު އެއްކޮށް ދޮންނަނަމަ ނުވަތަ ދޮންނަ ވަކި ހާއްސަ ދުވަހެއް ކަނޑައަޅައިގެން ބައިވެރި އެއްޗިހި އެއްކޮށް ދޮންނަނަމަ ކުނޑި ޑިޓާޖަންޓެއް ހިޔާރުކުރާށެވެ. މިއީ އާންމުކޮށް ހެދުމުގައި ޖެހޭ ދަލާ އެކި ކަހަލަ ކިލާތައް ފިލުވާލަދޭނެ ޑިޓާޖަންޓެކެވެ. އާއިލާގެ މެމްބަރުންނަކީ ބޭރު ވެށީގައި ކުޅިވަރުކުޅެއުޅޭ ބައެއް ނަމަ، ނުވަތަ ފަސޭހައިން ހިރަފުހާ ކިލާ ހިފާ ޒާތުގެ މަސައްކަތެއްގައި އުޅޭ ބައެއް ނަމަ ޕައުޑާ ޑިޓާޖަންޓެއް ހިޔާރުކުރާށެވެ.
މީރުވަސްދުވާ ޑިޓާޖަންޓް
ދޮންނާނެ ވަރަކަށް ދޮވުމަށްފަހު މީރުވަސްދުވާ އެއްޗެއް ފެނަށް އެޅުމަށްފަހު އެއަށް އަންނައުނުތައްލާ ފޯކޮށްގެން ގަޑި ދެގަޑިއިރު މަޑުކުރި ޒަމާން މާޒީ ވެއްޖެއެވެ. މިހާރު އުފައްދާފައި ހުންނަ ގިނަ ޑިޓާޖަންޓަކީ މީރުވަސްދުވާ މާއްދާތަކާއެކު އުފައްދާފައިވާ ބްރޭންޑްތަކެކެވެ. އާއިލާ މެމްބަރުންނަކީ ހަމުގެ ބަލި ނުހުންނަ ބައެއް ނަމަ ނުވަތަ ސެންސިޓިވް ސްކިން ނުހުންނަ ބައެއް ނަމަ ބޭނުން ވަހެއް ދުވާ ޑިޓާޖަންޓެއް ހިޔާރުކުރާށެވެ. ހަންގަނޑު ބަލި މީހުން އުޅޭނަމަ ވަސްދުވާ މާއްދާތައް ބޭނުންކޮށްފައި ހުންނަ ބާރުގަދަ ޑިޓާޖަންޓް ބޭނުން ނުކުރާށެވެ. މިފަދަ މީހުންނަކީ އެކި ކަހަލަ ފެބްރިކް ސޮފްޓްނާއައި މީރުވަސްދުއްވަން ބޭނުންކުރާ މާއްދަތައްވެސް ބޭނުންކުރަން އެދެވިގެންވާ ބައެއް ނޫނެވެ.
ސަމާލުކަން ދޭންވީ ކަމަކީ އަންނައުނުތަކުން ރަނގަޅަށް ޑިޓާޖަންޓްގެ އަސަރު ފިލަންޖެހޭނެކަމެވެ. މިދެންނެވީ ފޮނާ އެޒާތުގެ 'ރެސިޑިއު' ފިލުވާލަންޖެހޭނެ ވާހަކައެވެ. އެއިރުން ދޮންނަ އެއްޗިހިން ތަތްމުޑުވަސް ދުވައިގެން އުޅޭކަށް ނުޖެހޭނެއެވެ. ހަމައެހެންމެ، އެއް ފަހަރާ މާ ގިނަ އެއްޗިހިވެސް ނުދޮންނާށެވެ. މެޝިން ތެރޭގައި އަންނައުނުތައް މިނިވަންކަމާއެކު ބުރަޖާލެވޭހާ ޖާގަ ބަހައްޓާށެވެ. އެއްޗިހި ހިއްކަން އަޅާއިރުވެސް، އެކަތި އަނެއްކާޖެހި ފިތި ބާރުކޮށްފައި ނުބަހައްޓާށެވެ. ވީވަރަކުން އެތަކަތި އަނެއްކައްޗާ ދޭތެރެއިން ސާފުވައި ދައުރުވާނެހެން ބަހައްޓަން ސަމާލުކަން ދޭށެވެ.
ކޮލިޓީ ޑިޓާޖަންޓްއިން މާ ގިނަ ފޮނެއް ނާރާނެ
މިއީ އަރާފައި އޮންނަ ވަރަށް ބޮޑު އޮޅުމެކެވެ. މޮޅު ބްރޭންޑެއްވިއްޔާ ނުވަތަ ގަދަޔަށް ސާފުވާނީ ވީހާވެސް ގަދައަކަށް ފޮނު އެރުމުންނޭ ހީވި ނަމަވެސް އެއީ ކުރެވޭ ކުށް ހީއެކެވެ. ހައި އެފިޝަންސީ ޑިޓާޖަންޓްއަކީ މާ ގަދަޔަށް ފޮނު އަރާ ބާވަތެއް ނޫނެވެ. މިކަން މިހެން ފަރުމާކޮށްފައިވަނީ، ފަސޭހަ ކަމާއެކު ޑިޓާޖަންޓްގެ އަސަރު އަންނައުނުން ފިލުވާލުމަށްޓަކައެވެ. ހައި އެފިޝަންސީ ޑިޓާޖަންޓެއް ބޭނުންކޮށްގެން އާދައިގެ މެޝިނެއްގައިވެސް ދޮވެވިދާނެއެވެ. އެކަމަކު އާދައިގެ ޑިޓާޖަންޓެއް ބޭނުންކޮށްގެން، މޮޅު މެޝިނެއްގައި ނުދޮންނާށެވެ.
ބޭނުންވަނީ ހީކުރާ ވަރަށްވުރެ މާ މަދުން
މިއީވެސް ހީވެފައި އޮންނަ ކުށް ހީއެކެވެ. އެއްޗިހިން ދާ ފިލުވާ އާކޮށްލުމުގެ ބޭނުމުގައި ހިތު ހުރި މިންވަރަކަށް ޑިޓާޖަންޓް ބޭނުންކުރަމަކީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެންމެ ރަނގަޅު ގޮތަކީ ދޮންނަ މެޝިން ގަންނައިރު އޭގައިވާ އިރުޝާދު ފޮތް ކިއާލުމެވެ. އެކި މެޝިނަށް މިންކުރާނީ އެކި ވަރަށެވެ. ހަމަ އެހެންމެ އެ ލޯޑެއްގައި ދޮންނަ އަންނައުނުގައިވެސް އިރުޝާދުތަކެއް ހުންނާނެއެވެ. އެއަށްވެސް ސަމާލުކަންދޭންވާނެއެވެ. މީގެ އިތުރުން، ޑިޓާޖަންޓް ފުޅީގެ ބޭރުގައިވާ އިރުޝާދުތައްވެސް އަޅާކިއުމަށްފަހު، އެކަށީގެންވާ މިންވަރެއް ހިޔާރުކުރާނީ އެ ދޮންނަ މީހެކެވެ.
ހަފުތާ ބަންދުގައި ދޮވުނަސް، ނުވަތަ އެއަށްވުރެ އަވަހަށް ދޮވުނު ކަމުގައި ވީނަމަވެސް، ރަނގަޅު ގޮތުގައި ޑިޓާޖަންޓްގެ ބޭނުން ހިފިއްޖެނަމަ ދޮވުމުގެ ވަރުބަލިކަން ކުޑަކޮށްވެސް އިހުސާސެއް ނުކުރެވޭނެއެވެ.