ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ޗެއާމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރަވަތު މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ޖެނެރަލް ރަވަތު އަށް މަރުހަބާ ވިދާޅުވެ، ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ޝާހިދާއި ޖެނެރަލް ރަވަތު ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. މިނިސްޓަރު ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒާ ކާނަލް އަހުމަދު ތޯހިރުގެ އިތުރުން އިންޑިއާ ޑިވިޝަންގެ ޑިރެކްޓާ މަރިޔަމް މިދުފާ ނައީމެވެ.
މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި، ރާއްޖޭގެ ރައީސް އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ.