ކޯލިޝަނަކާ ނުލާ ވެރިކަން ކުރެވޭނެ ގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ފަޅިފަޅިއަށް ބަހައިގެން ވެރިކަން ކުރަން ޖެހޭހާ ހިނދަކު ސަރުކާރުގައި ގާބިލު ބަޔަކު ނުތިބޭނެ ކަމަށާއި، ކޯލިޝަނަކާ ނުލާ ވެރިކަން ކުރެވޭނެ ގޮތަކަށް ގާނޫނު އަސާސީ ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި އެކަން މިހާރު ކުރެވިދާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވީ، މިސަރުކާރުގެ މިނިސްޓަރުންނަށް ކަންތައްތައް ނުކުރެވޭ ނަމަ އެ މިނިސްޓަރުން "ގެއަށް ދާން ޖެހޭ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން، އާދަމް ޝަރީފް ވަނީ އަނދުން ހުސެއިން ދެއްކެވީ ރަނގަޅު ވާހަކައެއް ކަން ފާހަގަ ކުރައްވާ، ސަރުކާރުގައި ތިބެން ޖެހެނީ ގާބިލު މީހުން ކަމަށް ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން އަނދުން ހުސެއިން ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާނޫނު އަސާސީން ލިބޭ ބާރުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި ކަންތައްތަކެއް ކުރުމަށް އެންގުމުން ސަރުކާރުގެ މިނިސްޓްރީތަކުން "ބޮޑު ނަގުލަށް ހިފާލައިގެން" ތިބުން އެއީ ރައްޔިތުންގެ މަޖިލީހުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކަމެއް ކުރުމަށް ރައީސް ސޯލިހް އެންގެވުމުން އެކަމެއް ނުވާ ނަމަ މިނިސްޓަރުން ތިއްބަން ޖެހެނީ ގޭގައި ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވިއެވެ.
މީގެ އިތުރުން އަނދުން ހުސެއިން ވިދާޅުވީ، ކޯލިޝަންގެ ޕާޓީތަކުން އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ދެމެދު ދޭތެރެ ޖައްސަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީ ތަކަށް ދީފައިވާ ހިއްސާ އަކީ އެކަށީގެން ނުވާ ބޮޑު ހިއްސާއެއް ކަން ފާހަގަ ކުރައްވާ، އަނދުން ހުސެއިން ވަނީ، އެ ހިއްސާއާ ބެހޭ ގޮތުން އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ޕާޓީގެ ކައުންސިލުން ރައީސް ސޯލިހަށް ލަފާ އަރުވަން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސަށް ލަފާ އެރުވުމުގެ ކުރިން އެހެން ޕާޓީތަކުން ފަހަތަށް ޖެހިވަޑައިގެން އިމުގައި ހުންނެވުމަށް އަނދުން ހުސެއިން ވަނީ އެނގިވަޑައިގެންފައެވެ.