ބިދޭސީން ދިރިއުޅެމުންދާ ގެތަކަށް މީހުން ވަދެ ފޭރޭ މައްސަލަތައް ގިނަވާން ފަށައިފިއެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ބިދޭސީން ދިރިއުޅެމުން ދާ ގެއަކަށް މީހަކު ވަދެ ވައްކަން ކުރަން އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ، އާބުރުޒު ހިނގުމުގައި ހުރި ބިދޭސީން ދިރިއުޅޭ ގެއަކުން މިއަދު ފަތިހު 5:07 ހާއިރު ވައްކަން ކުރަން ފިރިހެނަކު ވަދެ އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މި މިހާގެ ހަށިގަނޑު ބަލާ ފާސްކުރި އިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ރޭ ދަންވަރުގެ ވަގުތެއްގައި މާފަންނުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވައްކަން ކުރަން ވަދެ އުޅުނު ދެ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރު 2:14 ހާއިރު ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.
އަދި މި ދެމީހުން ބަލާ ފާސްކުރި އިރު 27 އަހަރުގެ މީހާ ލައިގެން ހުރި ޖީންސް ފަހަތު ޖީބުން ވަޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ވެސް މާލޭ ހެންވޭރުގައި ބިދޭސީން ދިރިއުޅެމުންދާ ގެއަކަށް ތިން މީހަކު ވަދެ ފޭރެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރޭ ދަންވަރު 12:30 ހާއިރެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހުން ދުއްވި ދެ ސައިކަލު ވަނީ ޓޯ ކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް އެފަރާތުން ބުނެއެވެ.
މި ދުވަސްވަރު ބިދޭސީންގެ ގެތަކުން ކުރާ ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަވަމުން ދާ ކަން މި ވަނީ ފާހަގަވެފައެވެ. އެގޮތުން ދެ ދުވަސް ތެރޭ ތިން ވައްކަމެއް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އިރު 6 މީހުން މިވަނީ ހައްޔަރު ކޮށްފައެވެ. މީގެތެރެގައި ހިމެނެނީ އުމުރުން 18 އަހަރާއި 29 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނެވެ.