މިއަދަކީ ކޮފީގެ މަސްތާއި އަވައިގައި ޖެހިފައިވާ މީހުންނަށް ހާއްސަ ދުވަހެކެވެ. މިއަދަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މިއަހަރުގެ ކޮފީ ދުވަހެވެ.

ކޮފީއަކީ މީގެ 1200 އަހަރު ކުރީއްސުރެ ފެށިގެންވެސް ބޭނުން ކުރަމުން އައި އެއްޗެކެވެ. މިއަދު އެކި ރަހަތަކާ، ވަސްތަކަށް ހާއްސަ، އެކި ބްރޭންޑްތަކުގެ ކޮފީ، ދުނިޔޭގެ އެކި ހިސާބުތަކުން ލިބެން އެބަހުއްޓެވެ.

ކޮފީގެ އާދަ

ބައެއް މީހުންނަށް ކޮފީގެ ވަސްޖެހެމުންވެސް ފުދޭއިރު އަނެއްބައި މީހުންނަކީ ބަނޑުކޭމެއްހެން ކޮފީތަށި ތުނބުން ނައްޓާނުލެވިގެން އުޅޭ މީހުންނެވެ. ކޮފީއަކީ ފަންނީ ސަގާފަތެއް ކަމަށް ދެކޭ މީހުންވެސް މަދެއް ނޫނެވެ. ފްރެންޗް ޕްރެސްއާއި ކޮފީ ފިލްޓަރާ ކޮފީ މެޝިންތަކުން ފެށިގެން ގޮސް އެކި ބްރޭންޑްތަކުގެ ކޮފީ ބީންސްއިން ބަދިގޭގެ ހަރުތައް ފުރާލާފައިވާ ގެތައްވެސް މަދެކޭ ނުދެންނެވޭނެއެވެ.

ސައި ނުވަތަ ކޮފީއާއިއެކު ބިސްކޯދު ކެއުމަކީ ގިނަ ބަޔަކު އާދަވެގެން ކުރާކަމެއް/ފޮޓޯ: އީބޭ

ކޮފީއެއްގެ ވާހަކަ ދައްކާއިރު، "ބްރޫ" ކުރުން މިއީ އެންމެ އާންމުކޮށް އިވޭނެ ލަފްޒުކަމާމެދު ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ކޮފީ ބްރޫކުރުމަށް ހާއްސަ އައުޓްލެޓްތައް ހަދާފައިވާއިރު، މި ސަގާފަތަކީ މިއަދު ދިވެހިންގެ ތެރެއަށްވެސް ތައާރަފުވެފައިވާ ފެޝަނަކަށްވެއްޖެއެވެ.

ކޮފީ ކެއުމަކަށް

ބޯ ބުއިމެއްގެ އިތުރުން ކޮފީއަކީ އެނޫންވެސް ތަފާތު އެކި ގޮތްގޮތަށް ބޭނުންކުރެވިދާނެ އެއްޗެކެވެ. ކައްކާއިން ބުނާ ގޮތުގައި މިއީ ރަހަ ހެޔޮވަރުކޮށްލަދޭ މެރިނޭޑޭކެވެ. ރާޅުކޮށް މުގުރާފައި ހުންނަ ކޮފީ ބީންސްއާއިއެކު ލޮނުމެދާ، ވިނެގާ އަދި އަސޭމިރުހާ ފޮނިތޮށި ބޭނުންކޮށްގެން ރަހަމީރުކޮށް ކުޅެއްވެސް ރޯސްކޮށްލެވިދާނެއެވެ.

ޑޯނަޓްއާއި ކޮފީ/ފޮޓޯ: ވިޒިޓް ޔޫ

ކައްކާއިން ބަދިގެތަކުން ޖާގަ ހޯދާފައިވާ އަނެއް ބާވަތަކީ ގްރީން ކޮފީއެވެ. މިއީ އިންޑިއާގެ މަޝްހޫރު ޝެފް ކުނާލް ކަޕޫރު ބުނާ ގޮތުން ނަމަ، ދުޅަހެޔޮ ކޮފީއެވެ. މިއީ އާދައިގެ ކަޅު ނުވަތަ މުށި ކޮފީއަށްވުރެ 3 ގުނަ އިތުރަށް އެންޓި އޮކްސިޓަންޑްސް އެކުލެވޭ، ހަށިގަނޑަށް އިންތިހާ ފައިދާ ލިއްބައިދެނިވި ކޮފީއެކެވެ. ގްރީން ކޮފީ އެންމެ އާންމުކޮށް ބޭނުންކުރަނީ އެކި ކަހަލަ ކިރުގެ ބުއިންތައް ތައްޔާރުކުރުމަށާ، ކޭކުފަދަ ތަކެތި ތައްޔާރުކުރުމަށެވެ. ގަދައަށް ކާލުމަށްފަހު މީގެ ކިރުތައްޓެއް ބޯލުމުން ބަނޑަށް ލުއިކަން ގެނެސްދޭނެކަމަށް ބުނެއެވެ.

ކުރަންވީ ކަންތަކާ ނުކުރަންވީ ކަންތައް

ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި ކޮފީ އަކީ މާ ގިނައިން ބޭނުންކުރުން އެހާ އެދެވިގެންވާ ބާވަތެއް ނޫނެވެ. ނިއުޓްރިޝަނިސްޓް ހިތާލް ޗައްދާ ބުނާ ގޮތުގައި ކޮފީ ބޭނުންކުރުމުގައި ކުރަންވީ ކަންތައްތަކާ ނުކުރަންވީ ކަންތައްތަކެއްވެސް އެބަހުއްޓެވެ.

ދުވަހުގެ ފުރަތަމަ ބުއިމަކީ ކޮފީ ކަމުގައި ހަދައިގެން ނުވާނެއެވެ. ހޭލާ ގޮތަށް ބަނޑު ހަމައަކަށް އަޅުވާލުމަށް ލުނބޯހުތު ފެން ފޮދެއް ނަމަވެސް ބޯލާށެވެ. ކޮފީ އޯވާޑޯޒް ވުމަކީ ނުރައްކާތެރި ކަމެކެވެ. އެންމެ ރަނގަޅި ދުވާލަކު 2 ތަށި ކޮފީއަށްވުރެ އިތުރަށް ބޭނުން ނުކުރުމެވެ.

ތާޒާ ކާށިތެޔޮ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޮފީތައްޓެއް/ފޮޓޯ: ކޮފީމިއުޒިއަމް

ކަސްރަތު ކުރަން ފެށުމުގެ ކުރިން ކޮފީ ޝޮޓެއް ބޯލާށެވެ. މިއީ ހަށިގަނޑުގެ މެޓަބޮލިކް ރޭޓް އިތުރުކޮށް، ފަސޭހައިން ސަރުބީ ވިރުވާލަދޭނެ ކަމެކެވެ.

ކޮފީއަކީ ހަށިގަނޑަށް ބޭނުންވާ އުފާވެރިކަމުގެ ހޯމޯން ނުވަތަ ޑޯޕަމީޏް ފޯރުކޮށްދިނުމަށް އެހީވެދޭ ބުއިމެކެވެ. އެހެންކަމުން މޫޑް ރަނގަޅުކޮށްލުމަށްވެސް ކޮފީ ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ކުރިން ފާހަގަކުރި ފަދައިން، އެއް ދުވަހާ މާ ގިނައިން ކޮފީ ބޭނުންކުރާކަށް ނުވާނެއެވެ.

ކޮފީއަކީ ސިކުނޑި ހޭލައްވާލަދޭ ޒާތުގެ ވަހެއް ހުންނަ އެއްޗެއް ކަމުން، ކޮފީ ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ އެރޯމާ އޮއިލްއެއް ކޮޓަރީގައި ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން އޮފީސްތަކާ، ބިނާކުރަނިވި މަޝްވަރާތައް ކުރިއަށްދާ މާހައުލުތްތަކުގައިވެސް މި ތެރަޕީ ބޭނުންކުރެވިދާނެއެވެ.

ސައިންސްގެ ބައެއް ހޯދުންތައް ދައްކާ ގޮތުން، ކޮފީ ބުއިމަށް އެންމެ ރަނގަޅީ ހެނދުނު 09:30 އާއި 11:30 އާއި ދެމެދު ހޭދަވާ ވަގުތުގައެވެ.