ބިދޭސީން އުޅޭ ގެއަކަށް ވަދެ ފޭރެން އުޅުނު 3 ޒުވާނުން ހަޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މާލޭ ހެންވޭރުގައި ބިދޭސީން ދިރިއުޅެމުންދާ ގެއަކަށް ތިން މީހަކު ވަދެ ފޭރެން އުޅޭ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ހުށަހެޅުމާ އެކު މާލެތެރެ ޕެޓްރޯޅް ކުރަން އުޅުނު ގަލޮޅު ޕޮލިސް ގެ ފުލުހުން އެގެއަށް ގޮސް އެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދިވެހި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހުން ދުއްވި ދެ ސައިކަލުވެސް ވަނީ ޓޯ ކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ އަދި އިތުރަށް ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ އިރު މި މަހުގެ 16 ވަނަ ދުވަހު ވަނީ، ގަލޮޅުގައި ހުރި މޯބައިލް ފިހާރައެއް ފަޅާލައިގެން ވައްކަންކޮށް ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެރޭ 4:40 ހާއިރު ކަމަށެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ފިހާރަ ތެރެއިން ދަބަހެއް ހިފައިގެން ނުކުތް މީހަކު ފުލުހުން ފެނުމާ އެކު ދަބަސް އެއްލައިލުމަށްފަހު ދުއްވެ ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ފަހަތުން ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވާ ކަމަށާއި، އޭނާ އަކީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސް ކުރިއިރު އޭނާ އެއްލައިލި ދަބަސް ތެރެއިން ގިނަ އަދަދެއްގެ މޯބައިލް ފޯނާއި ޓެބްލެޓަކާއި މޯބައިލް ފޯނާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.