ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބައިނަލްއަގުވާމީ ފެޝަން ބްރޭންދް "ފޯރެވާ21" ކުންފުނިވެސް ބަނގުރޫޓުވުމާ ގާތަށް އިނދަޖެހިއްޖެއެވެ.

މައުލުމާތު ލިބޭ ގޮތުގައި، "ފޯރެވާ21" ކުންފުނިންވަނީ ބަނގުރޫޓުވުމުން ސަލާމަތްވުމަށް އެދި ހުށަހަޅާ ޗެޕްޓާ 11ގެ ހިމާޔަތަށް އެދިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ހީނަރުކަމާއެކު އޭޝިއާއާއި ވިލާތުގެ މާކެޓުން "ފޮއެވާ21" ކުންފުނި ބޭރުވާނެއެވެ. ނަމަވެސް މެކްސިކޯއާއި ލެޓިން އެމެރިކާގައި އަދިވެސް މި ކުންފުނީގެ ވިޔަފާރި ހިންގަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

"ފޯރެވާ21" ކުންފުނީގެ ތަރުޖަމާނަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ އެކުންފުނީގެ 350 އައުޓްލެޓެއް ބަންދުކުރާނެއެވެ.

ފެޝަންގެ ދުނިޔޭގައި ޖީބަށް ލުއި، އެހެންނަމަވެސް ޒަމާނީ ގިނަ ފަރުމާތަކެއް ބާޒަރަށް ނެރެމުންދާ "ފޯރެވާ21" ކުންފުނީގެ ބޮޑެތި ވާދަވެރިންގެ ތެރޭގައި "ޒާރާ" އަދި "އެޗްއެންޑްއެމް" ފާހަގަކުރެއެވެ.

ޗެޕްޓާ 11އަކީ ބަނގުރޫޓުވަމުންދާ ކުންފުންޏަކުން، އެކުންފުންޏެއްގެ ދަރަނިތައް ހަމަޖެއްސުމަށް އިތުރު މުހުތަލެއް ހޯދުމަށް ބާރުދޭ ހިމާޔަތެވެ.