އެކި ދުވަސްވަރު ވައިގައި ހިފަނީ އެކި ސްޓައިލްގެ ތުނބުޅިއެވެ. ތަފާތު އެކި ސަބަބުތަކާ ހެދިއެވެ. މިއިން ކޮންމެ ގޮތަކަށް ތުނބުޅި ސްޓައިލްކުރި ކަމުގައި ވީ ނަމަވެސް އެކަށީގެންވާ ފަރުވާއާއި އަޅާލުން ނުދެވިއްޖެނަމަ އިސްތަށިގަނޑެކޭ އެއްފަދައިން ތުނބުޅިވެސް ހަރުވެ، ހިކި، އޮމާންކަން ގެއްލިގެން ހިނގައިދާނެއެވެ. ތުނބުޅި ބެލެހެއްޓުމަކީ މާ އުނދަގޫ ކަމެއްހެން ހީވިނަމަވެސް، މިއީ އެހާ އުނދަގޫކަމެއް ނޫންކަމަށް ތަޖުރިބާކާރުން ބުނެއެވެ. ހުރިހާ ކަމެއްވެސް ގުޅެނީ އެކަމަށް އެންމެ ފަންނުވެރި އުކުޅާ އާލާތާއެވެ.

ރަނގަޅަށް ޓްރިމް ކުރުން

އަތުގައި ޓްރިމަރެއް އޮންނަ ކޮންމެ މީހަކީ ރަނގަޅަށް ޓްރިމް ކުރަން އެނގޭ މީހަކަށް ނުވެދާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކީ، ކަމުގެ ހުނަރާ ސިއްރުތައް އެނގޭ މީހެއްގެ ގާތުން ޓްރިމް ކުރަން ދަސްކުރުމެވެ. ކޮންމެ މީހަކަށް ވަކި ޓްރިމަރެއް ގެންގުޅުން ބުއްދިވެރިއެވެ. އަދި ޓްރިމަރަކީ އަބަދުވެސް ސާފުކޮށްފައި އޮންނަ އެއްޗަކަށްވާން ވާނެއެވެ. ހަމައެހެންމެ ޓްރިމަރުގެ ތިލައަކީވެސް ތޫނު ތިލައަކަށްވުން ލާޒިމެވެ.

ރަނގަޅަށް ޓްރިމް ކުރުމަށްޓަކައި ތުނބުޅީގެ އިސްތަށިތަކާއެއް ކޮޅަށް ފުނަލަކުން ފުނާއަޅާ އޮމާންކޮށްލާށެވެ. ގޮއްޖެހިފައިވާ އިސްތަށިތަކާ، ކިސުޅިކަން ހުރި ދިމާތަކުން އެކަން ފިލުވާ އެއްވަރުވަންދެން ފުނާއަޅާށެވެ. އެވަރުންވެސް ކިޔަމަންނުވެއްޖެ އިސްތައްޓެއް ނުވަތަ އިސްތަށި ކޮޅެއް ހުރެއްޖެނަމަ ޓްރިމަރުގައިވާ ކަތުރުން އެބައެއް ބުރިކޮށްލާށެވެ. މިއީ ހަރުކަށި ތުނބުޅިއަކުން ދުރުވުމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.

ތުނބުޅި ދޮވުން

އެކި މީހުންގެ ތުނބުޅީގައި ހުންނަނީ އެކި ކަހަލަ އިސްތައްޓެވެ. އެހެންކަމުން އެމީހަކާ އެންމެ ގުޅޭ ޝޭމްޕޫއެއް ހޯދަންވާނެއެވެ. މި ޝޭމްޕޫއަކީ ތުނބުޅި ދޮވުމަށް ހާއްސަ ޝޭމްޕޫއަކަށްވެސް ވާންވާނެއެވެ. ހަފުތާއަކު އެންމެ މަދުވެގެން 3 ފަހަރު، މި ޝޭމްޕޫ ބޭނުންކޮށްގެން ރަނގަޅަށް ތުނބުޅި ދޮންނަންވާނެއެވެ. މިއީ ތުނބުޅި ފަޅާފައި ހުންނަ ސަރަހައްދުގެ ހަންގަނޑުވެސް އޮމާންކޮށްދީ، މަޑުކޮށް ބަހައްޓާނެ ކަމެކެވެ.

ތުނބުޅި ދޮންނަ ޝޭމްޕޫ ބޭނުންކޮށްގެން ތުނބުޅި ދޮންނާނީ ބައްރު ބައްޓަމަށް ވާ ގޮތަށް ތުނބުޅީގެ އިސްތަށިތަކާ ތުނބުޅި ފަޅާފައިވާ ސަރަހައްދު މަސާޖުކުރަމުންނެވެ. އެއަށްފަހު ފެންލައިގެން ޝޭމްޕޫތައް ދޮވެލާށެވެ. އަދި ކޮންޑިޝަނާއެއް ބޭނުންކުރާށެވެ. އެއަށްފަހު ރަނގަޅަށް ކޮންޑިޝަނާތައްވެސް ދޮވެ، ތުނބުޅި ސާފުކޮށްލާށެވެ.

ފުނާ/ބުރުސް އެޅުން

ފުނަލެއް ނުވަތަ ބުރުހެއް ބޭނުންކުރުމުގެ އިތުރުން އަތުގެ އިނގިލިތަކުން ނަމަވެސް ތުނބުޅީގައި 'ފުނާ'އަޅާ އޮމާންކޮށްލާށެވެ. މިއީ ގަވައިދުން ކުރަން އާދަކުރަންވީ ކަމެކެވެ. ދޭތެރެއަކުން މި ގޮތަށް ބަލާލުމުން ތުނބުޅީގައި ގޮއްޖެހުމުންދާކަން ވެސް ފާހަގަވެ، ކަތުރަކާ ހިސާބަށް ދާންނުޖެހި ސަލާމަތްވުމުގެ ފުރުސަތު އޮންނާނެއެވެ.

ތެޔޮ/ބާމު ލުން

މިޒަމާނަކީ އެކި ކަންކަމަށް ހާއްސަކޮށްގެން އެންމެ ޒަމާނީ ބްރޭންޑްތައް ތައާރަފުކުރަމުންދާ ޒަމާނެވެ. އެހެންކަމުން އެމީހެއްގެ ހަށިގަނޑާ ގުޅޭ ބިއާޑް އޮއިލްއެއް ނުވަތަ ތުނބުޅީއަށް ހާއްސަ ތެލެއް ހޯދުމަކީ މާ އުނދަގޫކަމަކަށް ނުވާނެއެވެ. ސަމާލުކަންދޭންވީ ކަމަކީ، މި ތެލަކީ ވިޓަމިންސްއާއި ނިއުޓްރިއަންޓްސްގެ މުއްސަނދިކަން ލިބިފައިވާ، ވީހާވެސް ގުދުރަތީ ތެލެއްކަން ކަށަވަރުކުރުމެވެ. ތުނބުޅި ފަޅާފައި ހުންނަ ސަރަހައްދު ހިރުވުމާ، އެ ސަރަހައްދުން ހަންފޮޅުވުމާ ދުރުކުރުމަށް ރަނގަޅު ތެލެއް ބޭނުންކުރުން ބުއްދިވެރިއެވެ. ތެލުގެ އިތުރުން ތުނބުޅިއަށް ހާއްސަ ބާމެއްވެސް ބޭނުންކުރެވިދާނެއެވެ.

ތުނބުޅީގައި ތެޔޮ ލާނީ ޝޭމްޕޫވެސް ލީ ގޮތަށް ވައްބުރު ބައްޓަމަށެވެ. މި ގޮތަށް ތެޔޮ ލާއިރު ކޮންމެ އިސްތައްޓަކަށްވެސް އެތެލުގެ އަސަރުކުރާވަރު ކުރަން ވާނެއެވެ. މިގޮތަށް ތެޔޮ ލައިގެން ރަނގަޅަށް މަސާޖުކޮށްލުމަށްފަހު ތުނބުޅިއަށް މިނެޓެއްހާއިރުގެ ރެސްޓެއް ދޭށެވެ. އެއަށްފަހު އެމީހަކު ބޭނުން ގޮތަކަށް ތުނބުޅި ސްޓައިލްކޮށްލާށެވެ.