ރާއްޖޭގެ އާބާދިއަށް ބަލާއިރު ގިނަ މީހުންނަކީ ބޭރަށް ދާއިރު ބުރުގާ، ހިޖާބު ނުވަތަ ނިގާބުން އިސްތަށިގަނޑު ނިވާކޮށްގެން ތިބޭ މީހުންނެވެ. ނަމަވެސް ރީތިކޮށް އިސްތަށިގަނޑު ބޭއްވުމަކީ ޒީނަތްތެރިކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ވަކީން ހާއްސަކޮށް، ފިރިންގެ ކުރިމަތީގައި ޒީނަތްތެރިވުމަށް ގިނަ ބަޔަކު ސަމާލުކަން ދެއެވެ. އިސްތަށިގަނޑަށް މޮޅު ގޮތެއް ހަދާލަން ބޭނުންވާ ކޮންމެ ފަހަރަކު ސެލޫންއަކަށް ދިއުމަކީ ހައްޓަށް ފަސޭހަވިއެއްކަމަކު ޖީބަށް މާ ލުއި ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން ގިނަ މީހުން އަދިވެސް ބަރޯސާވަނީ ގޭގައި ފަސޭހައިން ބޭނުންކޮށްލެވޭ ކާލިންގް އަޔަނަކަށް ނުވަތަ ސްޓްރެއިޓްނާއަކަށެވެ.

މިއީ ބޭނުންކުރަން ފަސޭހަ އަދި ޖީބަށް ލުއި ގޮތެއް ކަމުގައި ވީ ނަމަވެސް، އެކަށީގެންވާ ސަމާލުކަން ނުދީ މިކަން ކުރަންވެއްޖެނަމަ އިސާހިތަކު އިސްތަށިގަނޑު ހަލާކުވެދާނެއެވެ. ނަމަވެސް މިއީ ވަރަށް ފަސޭހައިން ދުރުވެވިދާނެ ހާލަތެއްވެސްމެއެވެ. އެގޮތުން މި ހިމަނާލަނީ، ގޭގައި ސްޓްރެއިޓްނާފަދަ ތަކެތި ބޭނުންކުރާއިރު، އިސްތަށިގަނޑުގެ ސަލާމަތާ ރައްކާތެރިކަމާ ދުޅަހެޔޮކަމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ހޫނުން ސަލާމަތްކޮށްދޭ މާއްދާއެއް ބޭނުންކުރުން

ސްޓްރެއިޓްނާއިން ބޭރުވެގެންދާ ގަދަ ހޫނުން އިސްތަށިގަނޑު ސަލާމަތްކުރުމަށްޓަކައި، ސްޓްރެއިޓްނާ ބޭނުންކުރަން ފެށުމުގެ ކުރިން އިސްތަށިގަނޑުގައި ހީޓް ޕްރޮޓެކްޝަން ސްޕްރޭއެއް ނުވަތަ ސީރަމްއެއް ބޭނުންކުރަންވާނެއެވެ. ބްލޯ ޑްރައިކުރާއިރުވެސް މިކަން ކުރަންވާނެއެވެ. މިއީ އިސްތަށިގަނޑުގެ ކުލަ މަރުވިޔަ ނުދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. މީގެ އިތުރުން ބޭނުންކުރާ ސީރަމް ނުވަތަ ސްޕްރޭއަކީ ރަނގަޅު ކޮލިޓީއެއްގެ އުފެއްދުމެއް ނަމަ އިސްތަށިގަނޑަށް އިތުރު ވިދުމެއް ގެނެސްދީ، އިސްތަށިގަނޑު ދުޅަހެޔޮވެސް ކޮށްދޭނެއެވެ.

ހޫނު މިން އެޖަސްޓްކުރެވޭ ޓޫލްއެއް ހޯދުން

ބޯފަން ކުރާއިރު ނުވަތަ ބްލޯޑްރައިކުރާއިރު އިސްތަށި އަނދާވަސް ދުވާހެއްޔެވެ؟ އެކަން އެހެން ދިމާވަނީ ބޭނުންކުރާ ޓޫލްގެ ދޮންގަދަވެގެންނެވެ. ޖީބަށް ކުޑަކޮށް ބަރުޖެހިލިނަމަވެސް ސެރާމިކް ޕްލެޓްލީ ކާލިންގް ނުވަތަ ސްޓްރެއިޓްނިންގް އަޔަންއެއް ގަތުމަށް ސަމާލުކަން ދޭށެވެ. މިއީ ސްޓީލް ޕްލޭޓްލީ ޓޫލްތަކަށްވުރެ ރަނގަޅު ބާވަތެކެވެ. މިއާއެކު ހޫނުމިނަށް ބަދަލު ގެނެވޭ ޓޫލްއެއް ގަތުމަށް ސަމާލުކަން ދޭށެވެ. އިސްތަށިގަނޑަކީ މިހާރުވެސް ފަން ނުވަތަ ތުނި އިސްތަށިގަނޑެއް ނަމަ ބޭނުންވާނީ ދޮން މަޑުކޮށްގެން ބޭނުންކުރެވޭ ޓޫލްއެކެވެ.

އެއްތަންކޮޅެއް 2 ފަހަރު ފަން ނުކުރޭ

މިއީ ބޯފަންކުރާ ބައެއް މީހުންގެ ކަށީގައި ހިފާފައިވާ ނުރަނގަޅުއާދައެކެވެ. ވީހާވެސް ގަދަޔަކަށް ފަންކޮށްލުމުގެ ނިޔަތުގައި ނަމަވެސް އެއްތަންކޮޅެއްގައި ދެތިން ހަތަރު ފަހަރު އެއްތަންކޮޅެއްގައި ޓޫލް ޖައްސާލަ ޖައްސާލާ ހުރެއެވެ. ނަމަވެސް މިއީ އިސްތަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެއްކަން ދަންނަންޖެހެއެވެ. ރަނގަޅު ގޮތަކީ ވީހާވެސް އަވަހަށް އިސްތަށިގަނޑުގެ މަތީގައި އަޔަން ހަރަކާތްކޮށްލުމެވެ. ނަތީޖާ ރަނގަޅުވުމުގެ އިތުރުން އިސްތަށިގަނޑަށް ދެވޭ ގެއްލުންވެސް ކުޑަކުރެވުނީއެވެ.

ހަލާކުވެފައިވާ އިސްތަށިގަނޑަށް ފަރުވާ ދިނުން

ތިބާއަކީ އެކި ޒާތުގެ ޕްރޮޑަކްޓްސްތައް އިސްތަށިގަނޑުގައި ބޭނުންކުރާ މީހެއް ނަމަ، ނުވަތަ އެކި ފަހަރު އެކި ގޮތަށް އިސްތަށިގަނޑު ބައްޓަންކުރާ މީހެއް ނަމަ އިސްތަށިގަނޑަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައި ހުރުމަކީ ނުވެނުދާނެ ކަމެކެވެ. އެހެންކަމުން އިސްތަށިތައް ފައިބާ ހުސްވުމުގެ ކުރިން ނުވަތަ ހޯލިވުމުގެ ކުރިން، ހަލާކުވެފައިވާ އިސްތަށިގަނޑަށް ކޮންމެވެސް ވަރެއްގެ ފަރުވާއެއް ދިނުން ބުއްދިވެރިވާނެއެވެ. މިކަހަލަ ބައެއް ފަރުވާއަކީ ގޭގައި އަމިއްލައަށްވެސް ހޯދިދާނެ ފަރުވާތަކެކެވެ. އެގޮތުން ވަރަށް ފަސޭހައިން ބޭނުންކޮށްލެވޭ އެކި ކަހަލަ ހެއާ މާސްކްތައް ހުރިކަން ފާހަގަކުރަންޖެހެއެވެ.

ގުދުރަތީ ވައިން އިސްތަށިގަނޑު ހިއްކާލުން

އިސްތަށިގަނޑަށް އެންމެ ފައިދާ ހުރި ގޮތަކީ މަސްނޫއީ ކަރަންޓް ހޫނުން ސްޓައިލް ކުރުމުގެ ބަދަލުގައި ގުދުރަތީ ވައިގެ ތެރޭގައި ބަހައްޓައިގެން އިސްތަށިގަނޑު ހިއްކާލައިގެން ސްޓައިލްކޮށްލުމެވެ. މާ ބުރަ މަސައްކަތަކާ ނުލާ، އަދި އިސްތަށިގަނޑަށް ގެއްލުން ނުވާ ގޮތަށް ހިޔާރުކުރެވިދާނެ ސްޓައިލްތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައިވެސް ހަރުލާފައި ހުރި ސްޓައިލްތަކެކެވެ. އެގޮތުން ދޫ ހުޅިއެއް ޖަހާލުން ނުވަތަ ގަތާލުމަކީވެސް ކުރެވިދާނެ ކަމެކެވެ.